ދަތުރުކުރުމުގައި ކޮވިޑް-19އިން ސަލާމަތްވުމަށް މަތިންދާބޯޓެއް ކުއްޔަށް ހިފައިފި
ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް ގައުމުތަކުގެ އިގްތިޞާދަށް އައި ހީނަރު ކަމާހެދި އައު އާންމު ހާލަތަކާއެކު ގިނަ ގައުމުތަކެއްގެ ބޯޑަރު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ގިނަ ބަޔަކު ދަނީ އެކި ގައުމުތަކަށް ދަތުރުފަތުރު ވެސް ކުރަމުންނެވެ.
މިއީ އިންޑޮނޭޝިއާ ފިރިހެނެއްގެ ވާހަކައެވެ. ދަތުރުފަތުރު ކުރުމުގައި ކޮވިޑް-19އިން ސަލާމަތްވުމަށް ޓަކައި މި މީހާ ކުއްޔަށް ހިފީ މަތިންދާ ބޯޓެކެވެ. އޭނާ މަތިންދާބޯޓު ކުއްޔަށް ހިފި އަގެއް އެއްވެސް މީޑިއާއަކާ ހިއްސާ ކޮށްފައި ނުވާއިރު އޭނާ ބުނަނީ އެ މަތިންދާ ބޯޓު ޕްރައިވެޓް ޖެޓަކަށް ވުރެ އަގުހެޔޮ ކަމަށެވެ.
އެ މަތިންދާ ބޯޓުގައި ދަތުރު ކޮށްފައިވަނީ އޭނާ އާއި އޭނާގެ އަންހެނުން އެކަނި ކަމުގައި ބަތިކް އެއާރލައިނުން ހާމަ ކުރެއެވެ. އެމީހުން ދަތުރު ކޮށްފައިވަނީ އިންޑޮނޭޝިއާގެ ޖަކާޓާއިން އެގައުމުގެ ބާލީއަށެވެ. ބާލީ އަކީ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަން ދާ ހިތްފަސޭހަ މަންޒިލެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން މި ފިރިހެން މީހާ ބުނީ ދަތުރު ފެށުމުގެ ކުރިން އޭނާ އެ ފްލައިޓުގައި އެހެން މީހަކު ދަތުރު ނުކުރޭތޯ ޔަގީން ކުރި ކަމަށެވެ. އެގޮތުން ފްލައިޓުގެ ހުރިހާ ސީޓެއް ވެސް އޭނާގެ އަމިއްލަ ނަމުގައި އޭނާ ބުކްކޮށް ފައިސާ ދެއްކިއެވެ. އޭނާވަނީ އޭނާގެ އަނބިމީހާއާ އެކު މަތިންދާ ބޯޓުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ގައި ހިއްސާ ކޮށްފައެވެ. އެ މަތިންދާބޯޓު ތެރެއިން އެފޮޓޯއިން ވެސް ފެނިގެންދަނީ އެ ދެ މީހުން އެކަންޏެވެ.