ޚަބަރު

ސީރިއާއަށް ހަނގުރާމައަށް ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ރީހެބްގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޓެރަރިސްޓު ޖަމާއަތަކާއެކު ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެޤައުމަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެން މީހާ، ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެންއާރްސީ) ގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފިއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސީރިއާ ގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ދިވެހި ފިިރިހެން މީހާ އެންއާރްސީ ގައި ބެހެއްޓުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ.

އެމީހާ ހައްޔަރު ކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގައެވެ.

ފުލުހުން ވިދާޅުވީ، އެގޮތުން އޭނާ ދޫކޮށްލާފައި ހުންނަ ހުރުމުގައި ފުލުހުން ގެންދަނީ މޮނިކޮން އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނީޓަރ ކުރަމުން ކަމަށެވެ.

އެންއާރްސީ ގައި އެމީހާ ބަންދު ކޮށްފައިވާކަން ހާމަ ކުރަމުން މިދިޔަ އަހަރުުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން 23 އޮކްޓޯބަރުން ފެށިގެން އެމީހާ ބަންދުކޮށްފައި ހުރީ އެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒުގައި ކަމަށެވެ.

ސީރިއާ ގައި ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެމީހާ އެނބުރި ރާއްޖެ އައިސްފައި ވަނީ 15 އޮކްޓޯބަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރުކުރި ދިވެހި މީހާގެ ގެ ވެސް ފުލުހުން ވަނީ ބަލައި ފާސް ކޮށްފައެވެ. އެގޮތުން ފުލުހުން ބަލައިފާސް ކޮށްފައި ވަނީ ގަލޮޅު މަދަރުސާގެ ފުރަގަހުން އޮތް ގޯޅިއެއްގައި ހުރި ގެއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!