މުނިފޫހިފިލުވުން

ޑާކްރެއިންގެ "ގުޅުން" : އެންމެ ޝޮޓަކުން ނަގާ ނިންމާލި ކުރު ފިލްމެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމް އިންޑަސްޓްރީ ގައި އެންމެ ގިނަ ދުވަހު ހަރަކާތްތެރިވެ، ތަފާތު ފިލްމު ތަކެއް އުފައްދާފައިވާ ޑާކްރެއިން އެންޓަޓެއިންމަންޓުން މުޅިން އާ ކުރު ފިލްމެއް އުފައްދައިފިއެވެ.

Ads by Sosun Fihaara

ޑާކްރެއިން އެންތޮލޮޖީގެ ފަރާތުން "ގުޅުން" ނަމަކަށް ކިޔާ މިކުރު ފިލްމުގެ ދިގުމިނަކީ އެންމެ 20 މިނެޓެވެ. ނަމަވެސް އެ 20 މިނެޓުގައި ވެސް މިފިލްމުގެ އެންމެ ޚާއްސަ ކަމަކީ، މުޅި ފިލްމު އެންމެ ޝޮޓަކުން ނަގާ ނިންމާފައިވާ ކަމެވެ.

"ގުޅުން" މިފިލްމުގައި ހަރަކާތްތެރި ވަނީ ރާއްޖޭގެ ކުޅަދާނަ އެކްޓަރުން ކަމުގައިވާ ރަވީ ފާރޫޤް، ރިޝްމީ ރަމީޒް ގެ އިތުރުން ޢަބްދުﷲ ޝާފިޢު (ފުބޫ)، އައިމިނަތު ރަޝްފާ (އާޝާ) އަދި "އެހެނަސް" ވެބް ސީރީޒުން ދާއިރާއަށް ތަޢާރަފްވި އައިމިނަތު ޝަމާނާ އެވެ.

މިފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ދުވަހެއް އަދި މުޅިން ފައިނަލް ނުވާ ކަމަށާއި ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި އެކަން އިއުލާނު ކުރާނެ ކަމަށް ޑާކްރެއިނުން ބުންޏެވެ.

ޑާކްރެއިން ގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) "ދެން" އަށް މައުލޫމާތު ދެމުން ބުނީ، އެމީހުން މީގެ ކުރިން އުފެއްދި ކުރު ފިލްމުތަކާއި ޚިލާފަށް، "ގުޅުން" ޔޫޓިއުބުން ނުފެންނާނެ ކަމަށެވެ.

"މަސައްކަތް މިކުރަނީ މީޑީއާނެޓް އެޕުން ދައްކާލެވޭތޯ. އެކަމަކު އެޔެއް އަދި ފައިނަލެއް ނުވޭ. ނަމަވެސް ދެ ދުވަހެއް ތެރޭގައި އިއުލާނު ކުރެވިގެންދާނެ" މޮގާ ބުންޏެވެ.

އެންމެ ޝޮޓަކުން ނުވަތަ ޓޭކަކުން ނަގާ ނިންމާލި މިފިލްމުގެ ކުދިކުދި މަސައްކަތްތައް އަދި ނުނިމި ހުރި ކަމަށާއި އެހެން ނަމަވެސް ވަރަށް އަވަހަށް އެމަސައްކަތްތައް ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މޮގާ ބުންޏެވެ.

"ގުޅުން" ލިޔެ ޑައިރެކްޓު ކޮށްދީފައިވަނީ އައިޝަތު ފުވާދު ތައުފީޤް އެވެ. ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ އަކީ ހުސެއިން އެވެ. ވިޝާލް އާމިރް ކެމެރާ އޮޕަރޭޓް ކޮށްދީފައިވާއިރު، ވިޝުއަލް އިފެކްޓްސް ހަދައީފައި ވަނީ ވިޝާލް ޒަކީ އެވެ. މީގެއިތުރުން ސްޓޯރީ ބޯޑް މުޙައްމަދު ޢަލީ ހަދައިދީފައި ވާއިރު، ފިލްމުގައި ހަރަކާތްތެރިވި ތަރިންގެ މޭކަޕް ކޮށްދީފައި ވަނީ ޙަސަން އާދަމް އެވެ. ސައުޑް އެޑިޓިންގ އެންޑް މިކްސިންގ ހަދާފައިވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި މިފިލްމުގައި ޚާއްސަ ފެނިލުމަކުން އަހުމަދު ސައީދު އާއި އިސްމާއިލް ޖުމާހު ވެސް ފެންނާނެއެވެ.

މިދިޔަ އަހަރު ޑާކްރެއިނުން ވަނީ "ޝޯޓްސް" ސެގްމެންޓެއް ގެނެސްދީ، އޭގެ ދަށުން "ދައުވަތު" އާއި "އަނގުރު" ގެ ނަމުގައި ވެސް ކުރު ވީޑިއޯތަކެއް ގެނެސްދީފައެވެ. މިވީޑިއޯތަކަށް ބެލުންތެރިންގެ މެދުގައި ހޫނު ތަރުހީބެއް ވެސް ލިބިގެން ދިޔައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!