ޚަބަރު

މުލިއާގެ ކައިރީގައި ބޮން ގޮއްވަން އުޅުނު މައްސަލަ: 17 އަހަރަށް ޖަލަށްލާން ކުރި ހުކުމް ސުޕްރީމް ކޯޓަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، މުލިއާގެ ކައިރީގައި އައިއީޑީއެއް ބާއްވައި ގޮއްވާލަން އުޅުނުކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ހ. މިޓާޒް، ތަލްހަތު މުހައްމަދު 17 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

Ads by MWSC

މިމައްސަލައާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އައިއީޑީ ބާއްވައިގެން ހއ. ހޯރަފުށީ/ އާރޯ، އަހުމަދު މަމްދޫހުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 20 އަހަރަށް ޖަލަށް ލާން ހުކުމް ކުރިއިރު، މ. ހީރޯ/ މުހައްމަދު އުބައިދު އިބްރާހިމާއި، ތ. ތިމަރަފުށި/ ވިލާ، ޒިހާން މުހައްމަދު އަދި ތަލްހަތުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި 17 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން ވަނީ އިއްވާފައެވެ.

މަމްދޫހުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، އެކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހިމެނޭ މަމްދޫހަށް ކުރި ހުކުމްގެ ބައި ބާތިލްކޮށް ހުކުމްކޮށްފައެވެ. އޭގެ އެއް ސަބަބެއް ކަމުގައި ހުކުމުގައި ބުނެފައިވަނީ، ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ނުކޮށް، އަދި ކޮންމެހެން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ނުކޮށް އަދި ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުނު ކޮށް ކޮށްފައިވާ ތަހުގީގެއްގެ މައްޗަށް މަމްދޫހަށް ހުކުމް ކުރުން ކަމުގައެވެ.

ތަލްޙަތުގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މަމްދޫހުގެ މައްޗަށް ކޮށްފައިވާ ހުކުމާއި ޠަލްހަތުގެ މައްޗަށް މައްޗަށް ކޮށްފައިވާ ހުކުމަކީ ވެސް އެއް ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ހުކުމެއް ކަން ފާހަގަކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!