ޚަބަރު

ރިޔަލު ދޯންޏެއްގައި އެކަނި މަހަށް ނިކުތް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރިޔަލު ދޯންޏެއްގައި މަހަށް ނިކުތް އުމުރުން 81 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

Ads by MWSC

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ 18 ފޫޓުގެ ރިޔަލު ދޯންޏެއްގައި ކ. މާފުށިން އެކަނި މަހަށް ފުރި 81 އަހަރުގެ ފިރިހެނެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލެ އޭރިއާ އިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ 14:08 ހާއިރެވެ.

ގެއްލިގެން ހޯދަމުން ދަނީ ކ. މާފުށި/ ޝޭޑީގްރޯ އަހުމަދު އާދަމް މަނިކު އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެމީހާ މަހަށް ފުރާފައި ވަނީ މިއަދު ފަތިހު 5:30 ހާއިރުއެވެ.

ކ. މާފުށިން މިއަދު ފަތިހު ރިޔަލު ދޯންޏެއްގައި މަހަށް ނިކުމެގެން އުޅެނިކޮށް ގެއްލިފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހެކެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނީ އެމީހާއަކީ އާއްމުކޮށް މަހަށް ގޮސް އުޅޭ މީހެއް ނޫން ކަމަށާއި، އޭނާއަކީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށް މާފުށީ ކައުންސިލް ރައީސް އުސްމާން ރަޝީދު ވިދާޅުވި ކަމަށެވެ.

އެމީހާއަކީ އަޑު ނުއިވޭ އަދި ވާހަކަ ވެސް ނުދެއްކޭ މީހެއް ކަމަށާއި އޭނާއަކީ ތަންތަނަށް ގޮސް އުޅޭ މީހެއް ނޫން ކަމަށް ވެސް އުސްމާން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!