ޚަބަރު

ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ފާރިސްގެ މައްސަލަ ދިޔާނާ ފުލުހަށް ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފުލުހަށް ހުށަހަޅައިފިއެވެ.

ދިޔާނާ ފުލުހަށް ހުށަހެޅީ، މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަނބުރާ ދައްކަވާ ގޮތަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ދެއްވި ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް، ރައީސް މައުމޫނަށް ރައްދު ކުރަން ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް ކަމަށާއި، އެފައިސާ ރައީސް މައުމޫނަށް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވާތީ، ފައިސާއަށް ފާރިސް ޚިޔާނާތްތެރިވެއްޖެ ކަމުގެ މައްސަލައެވެ.

ޖާބިރު ތަކުރާރުކޮށް ތުހުމަތު ކުރައްވަމުން ގެންދަވަނީ ނިމިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި އެމަނިކުފާނުގެ އަތްޕުޅުން 29 މިލިއަން ރުފިޔާ، އަނބުރާ ރައްދުކުރާ ގޮތަށް ރައީސް މައުމޫން ނެންގެވި ކަމަށެވެ.

އެފައިސާ އަނބުރާ ހޯއްދަވަން 2019 ވަނަ އަހަރު ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅުއްވާފައެވެ.

މިކަމާ ގުޅޭގޮތުން ދިޔާނާ ވިދާޅުވީ ސިޔާސީ މަސައްކަތަށް ކަމަށް ވިދާޅުވެ، ރައީސް މައުމޫން ޖާބިރު އަތުން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑުބައެއް އެ ފަރާތާ ހަވާލުކުރުމަށް ޖާބިރު އެކަމަނާއާ ހަވާލު ކުރެއްވި ކަމަށެވެ.

އެގޮތުން އެފައިސާގެ ތެރެއިން 24 މިލިއަން ރުފިޔާ، ރައީސް މައުމޫން ވިދާޅުވި ގޮތުގެ މަތިން އެމަނިކުފާނުގެ ދަރިކަލުން ފާރިސްއާ ހަވާލު ކުރެއްވި ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އިތުރަށް ވިދާޅުވީ އެ ފައިސާ ހަވާލު ކުރުމުގެ ކުރިން، މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވެސް އިންނެވި ކަމަށާއި، އަދި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ދެއްވަން މައުމޫން ހުށަހެޅުއްވި ކަމަށެވެ.

ނަމަވެސް ގެރެންޓީއެއްގެ ގޮތުގައި ރައީސް މައުމޫން ގެ ބަސްފުޅު ފުދޭ ކަމަށް ވިދާޅުވެ، ކިނބިގަސްދޮށުގޭގެ ރެޖިސްޓްރީ ޖާބިރު ނަންގަވާފައި ނުވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

ޖާބިރު ދެއްވި ފައިސާ ރައީސް މައުމޫނަށް ލިބިވަޑައި ނުގަންނަވާނަމަ އެފައިސާއަށް ޚިޔާނާތްތެރި ވެފައިވަނީ ފާރިސް ކަމަށާއި އެ މައްސަލަ އަވަސް ގޮތަކަށް ބައްލަވައި އެ ފައިސާއަށް ވީގޮތެއް ނުހޯދައިފިނަމަ އެ ހިޔާނަތް ރައްދު ވާނީ އޭނާއަށް ކަމަށް، އެ މައްސަލަ ހުށަހަޅުއްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި، ދިޔާނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

Ads by Ooredoo
  1. ހަަހހަަ

    ހިބަރު ވަދަށް ދޫކުރި ފައިސާތޯ