ލައިފްސްޓައިލް

އެމީހަކު އިންނާނެ މީހަކު އެނގޭނީ އެމީހަކަށް، އެއީ އެހެން މީހުން ބެހެން ޖެހޭ ކަމެއް ނޫން!

ޢަލީ މާޖިދު ، ދެން އޮންލައިން

ކައިވެންޏަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒާތީ ކަމެކެވެ. އެ ކަމުގެ ތެރެއަށް ، ހާއްސަކޮށް ކަމާ ނުބެހޭ މީހުން ވަދެ ގޮތް ފާޑު ކިޔުމަކީ އެންމެ ވެސް ވަރަށް ފޫހިވާނެ ކަމެކެވެ. ކަން މިހެން އޮތް ނަމަ ވެސް މުޖުތަމަޢުތަކުގެ ތެރޭގައި މި ކަމަކީ ވަރަށް ކުރާ ހިތުން ބައެއް މީހުން ކުރާ ކަމެކެވެ.

Ads by Sosun Fihaara

މި ގޮތުން އުމުރުގެ ގޮތުން ތަފާތު ދެމީހުންގެ ކައިވެނި ތަކާއި، މުޖުތަމަޢު ބޮޑަށް ދަންނަ މަޤުބޫލު މީހުންގެ ކައިވެނި ތަކުގައި މިކަން އަދި އެތައް ގުނައެއް ފޯރި ގަދަވެގެން ދެއެވެ. އެ ސަބަބާ ހުރެ މީޑިޔާ ތަކުން އެ ދުވަސް ވަރު ކަވަރ ކުރާ އެންމެ ހާއްސަ ޚަބަރުތަކަށް ވެސް އެކަން ކަން ވެގެން ގޮސްފައި އެބަހުއްޓެވެ.

ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ މީހަކު ވެސް ޒަވާޖީ ޙަޔާތެއް ފަށަނީ އެ މީހަކަށް އެންމެ ކަމުދާ އެ މީހަކު އެންމެ ބޭނުންވާ މީހަކާ އެކުގައި ކަމެވެ. މަދު ފަހަރެއްގައި މަޖުބޫރީ ހާލަތެއްގައި ލޯބި ނުވާ ނުވަތަ ބޭނުން ނުވާ މީހުންނާ އިންނަ މީހުން ނޫޅެއެކޭ ނޫނެވެ. އެހެންކަމުން ހަޔާތުގެ ބައިވެރިއަކަށް މީހަކު އެ އިހްތިޔާރު ކުރާ ބައިވެރިޔަކަށް މުޖުތަމަޢުން އިހްތިރާމް ކުރަންޖެހޭނެއެވެ. މީހަކު މަސައްކަތް ކުރާ ދާއިރާއެއްގެ ސަބަބުން އެ މީހެއްގެ އަމިއްލަ ޒާތީ ކަންކަމާ ބެހުމަކީ ތަހްޒީބު މުޖުތަމަޢެއްގެ ތެރެއިން ފެންނަ ވަރަށް ނާތަހުޒީބު އަމަލަކަށް ނޫނީ ނުވާނެއެވެ.

ކައިވެނި ކުރާ ދެމީހުންނަށާއި، އެދެމީހުންގެ އާއިލާއަށް މައްސަލަޔަކަށް ނުވާ އިރު މުޖުތަމަޢުއަށް އެއީ މައްސަލަޔަކަށް ވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި  މި ފަދަ ކަންކަމުގައި އެ މީހެއްގެ މާޒީއާ ގުޅުވާ ނުވަތަ ކުރެވިފައިވާ ވަކި ކަމަކާ ގުޅުވާ ފުރައްސާރައާއި މަލާމާތް ރައްދުކުރުމަކީ ވަރަށް ދެރަ ހިތާމަ ހުރި ކަމެކެވެ.

ދެމީހެއްގެ ގުޅުމަށް އެޅޭ ހުރަހަކަށް އަހަރުމެން ނުވެ އެ މީހަކު އިންނާނެ މީހަކާ އިންނަށް އެމީހަކަށް ދޫކޮށްލަމާ ހިނގާށެވެ. އެ ގޮތް އެ ދެމީހުންނަށް ވެސް އަދި އަހަރުމެން އެންމެންނަށް ވެސް މާ ރަނގަޅު ވާނެއެވެ.

  1. ކެކުރި

    އެމީހަކު އިންނާނެ އިހުތިޔާރު ކުރާނީ އެމީހަކު . އެކަމަކު އޭގެ މާނައެއް ނޫންދޯ ލޮލަށް ފެންނަ ހަމަ ކޮންމެ މީހަކާ އިނުމަކީވެސް.
    ކައިވެނި ކުރާ ދެފަރާތުގައި ހުންނަން ޖެހޭ ހުރިހާ ޝަރުތެއްވެސް އެބަ ފުރިހަމަ ވާންޖެހޭ

  2. ޙގހޖ

    ޙެޔޮ ދޯ ދިރިއުޅުން އަނދަވަޅަކަށް ވައްޓާލިއަސް

  3. ޏޫސް

    ތިނޫހުގަވެސް ބައެއް ނޫސްވެރިން ލިޔާނެ މި ކަމަށް މަގުފަހިވާ ލިޔުން. ޢާންމުން މަލާމާތްކުރަނީ ވާގަކަ ފަތުރާ ގޮތިން ދެއްތޯ