ސަފާރީއެއްގައި ރޯވެ ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެ

ހުޅުމާލެއިން ފުރައިގެން ހދ.ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެ ކާށިދޫ ކަނޑު އަޑިއަށް ހިނގައްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދެއްވާ ގޮތުގައި "ނޮޓިލަސް ވަން" ކިޔާ މި ސަފާރީގައި އަލިފާން ރޯވެ ކަނޑުއަޑިއަށް ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ސަފާރީ އަޑިއަށް ދިޔަ ނަމަވެސް އޭގެ ކުރީން އޭގައި ތިބި ހަ ފަޅުވެރީން ވަނީ ސަލާމަތުން ޑައިވިން ދޯންޏަށް އަރާފައެވެ. އެ ސަފާރީގައި އެއްވެސް ފަތުރުވެރިއަކު ނެތެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުނީ 3:40 ގައި ކަމަށާއި އެ ހިސާބުން އަލިފާން ނިއްވާ ލޯންޗު ފުރުވާލި ކަމަށާއި ނަމަވެސް އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހެނދުނު 6:45 ކަންހާއިރު ސަފާރީ ކަނޑުއަޑިއަށް ހިނގައްޖެ ކަމަށެވެ.
ސަފާރީގައި ދަތުރު ކުރަމުން ދިޔަ ހަ ފަޅުވެރީންގެ ތެރޭގައި ހިމެނެނީ ބިދޭސީއަކާ ފަސް ދިވެހީންނެވެ. މީގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އަދި ސަފާރީއާއެކު ދަތުރުކުރި ޑައިވިން ދޯނި "އަރާކުރި"ގައި އެ މީހުން ދަރަވަންދޫއަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.