މަލާއިކަތް ބޭކަލުންގެ ދުޢާ ތިބާއަށް ބޭނުންވާ ނަމަ ތިބާގެ އަޚާއަށް ޓަކައި ދުޢާކޮށްދީ!
މުސްލިމަކު އޭނާގެ އަޚާއަށް ޓަކައި ،އަޚާގެ ޣައިރު ޙާޟިރުގައި ކުރާ ދުޢާއަކީ ﷲގެ ޙަޟްރަތުގައި އިޖާބަ ކުރެވިގެންވާ ދުޢާއެކެވެ.
އަދި އެ ދުޢާ އެމީހަކު ކުރަމުންދާ ހިނދެއްގައި އެމީހަކާ ޙަވާލު ކުރެވިގެންވާ މަލާއިކަތް ބޭކަލަކު ވާނެއެވެ. އަދި އެމީހަކު އަޚާއަށް ޓަކައި ހެޔޮ ދުޢާ ކުރަމުންދާ ހިނދުގައި އެ މަލާއިކަތް ބޭކަލަކު ދަންނަވާނެތެވެ. އާމީން!ﷲ ޞުބުޙާނަހޫ ވަތަޢާލާ އިޖާބަ ކުރައްވާށިއެވެ.އަދި ތިބާއަށް ވެސް އެފަދައިން ދެއްވާށިއެވެ.
އަޅުގަނޑުމެން ، އަޅުގަނޑުމެންގެ ނަފްސަށް ކަމެއް އެދޭކަމުގައި ވަނީ ނަމަ އަވަސްވެގަންނަންވީ އަޅުގަނޑުމެންގެ އަޚާއަށް ޓަކައި އެކަމަކަށް އެދި ދުޢާ ކުރުމަށެވެ.އޭރުން އަޅުގަނޑުމެންގެ ދުޢާގެ އިތުރުން މަލާއިކަތް ބޭކަލެއްގެ ދުޢާ ވެސް އެކަމުގައި ޝާމިލް ވެގެންދާނެއެވެ. އަދި އެ ދުޢާއަކީ (އިންޝާﷲ) އިޖާބަ ވެވިގެންވާ ދުޢާ އަކަށް ވެގެންދާނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ) (رواه مسلم في صحيحه: 2733)
މާނައީ: “މުސްލިމް އޭނާގެ އަޚާގެ މައްޗަށް އެމީހެއްގެ ޣައިބުގައި ކުރާ (ހެޔޮ) ދުޢާ އިޖާބަވެގެންވެއެވެ. އެމީހެއްގެ ބޮލުގެ ކައިރީގައި ވަކީލުކުރެވިފައިވާ މަލާއިކަތް ބޭކަލެއް ވެއެވެ. އެމީހެއްގެ އަޚާއަށް ހެޔޮދުޢާ ކުރާ ކޮންމެ ފަހަރަކު އެމީހެއްގެ ވަކީލުކަން ހަވާލުކުރެވިފައިވާ މަލާއިކަތާ ދަންނަވައެވެ. “އާމީންއެވެ. އަދި ތިބާއަށް ވެސް އެ ފަދައިން ދެއްވާށެވެ.”
އަޚާއަށް ސިއްރުން ދުޢާ ކުރާނީ ވަރަށް އިޚުލާސްތެރިކަން ހުރި މީހެކެވެ. އެމީހެއްގެ ހެޔޮ ދުޢާ އިޖާބަ ކުރެއްވުމުގެ އެއްސަބަބަކީ އެއީއެވެ. އޭނާ އެ ދުޢާ ކުރަނީ އެއްވެސް ކަމަކަށް ބޭނުން ވެގެންނެއް ނޫނެވެ. އަދި ކިއެއްތަ! އޭނާގެ މުސްލިމު އަޚާއަށް ހެޔޮ އެދިގެން މުސްލިމުން އަޚާއަށް ހެޔޮ ފޯރުކުރުމަށެވެ.
އިމާމު ނަވަވީ މި ޙަދީޘުގެ ޝަރަހައިގައި ވިދާޅުވެފައިވެއެވެ. “އަޚާގެ ހާޒިރުގައި ނޫންކަމަށް ޙަދީޘްގައި ބަޔާންވެފައިވާ ބަހުގެ މުރާދަކީ އަޚާއަށް ސިއްރުންނާއި އަދި ދުޢާ ކުރެވޭ މީހާގެ ޙާޒިރު ނޫން ގޮތުގައި ދުޢާކުރެވޭ ވާހަކައެވެ. ސަބަބަކީ އެ ދުޢާ ވާހުށީ އެންމެ ބޮޑަށް އިޚުލާސްތެރިކަން ހުރި ދުޢާއަށެވެ.” އަދިވެސް ވިދާޅުވެފައި ވެއެވެ. ޖަމާޢަތެއްގެ ބަޔަކު ދުޢާ ކުރި ކަމުގައި ވިޔަސް މި މަތިވެރިކަން ޙާޞިލުވާނެއެވެ.
އަދިވެސް މިޙަދީޘް އެހެން ސީޣާއަކުން އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَا مِنْ عَبْدٍ مُسْلِمٍ يَدْعُو لِأَخِيهِ بِظَهْرِ الْغَيْبِ، إِلَّا قَالَ الْمَلَكُ: وَلَكَ بِمِثْلٍ) رواه مسلم في صحيحه: 2732)
މާނައީ: “މުސްލިމު އަޅަކު އޭނާގެ އަޚާގެ މައްޗަށް އޭނާ ނެތްތަނުގައި ދުޢާކޮށް ފިނަމަ، މަލާއިކަތް ބޭކަލަކު ދަންނަވާނެވެ: ތިބާއަށް ވެސް ހަމައެފަދައިން ދެއްވާށިއެވެ.”
(މަސްދަރު، ދި ސަލަފިއްޔާ ، ޝައިޚް ފަޒްލޫންގެ ދަރުހެއް)