ޚަބަރު

ތ.އަތޮޅު ތަޢުލީމީ މަރުކަޒު ގޮއްވާލަން ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުން ރޭވި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުން ހައްޔަރުކޮށްފައިވާ މީހުން..

ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އޯލެވެލް ހަދަމުން ދަނިކޮށް، އެ ސްކޫލުގެ ލެބޯޓަރީ ގޮއްވާލަން، އެރަށުގައި ހަރަކާތްތެރިވާ ހަރުކަށި ޖަމާޢަތުން ރޭވި ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނެފައިވަނީ ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮތް ކަމަށާއި ރަށުގައި ގޮވާ ޒާތުގެ ތަކެތި ހެދުމަށް ތަމްރީން ވަމުން ދިޔަ ކަމަށެވެ.

ރާއްޖޭގައި ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު މީހުންގެ މައުލޫމާތު މިއަދު ފުލުހުން އާއްމު ކުރިއިރު، 8 މީހެއްގެ ނަމާއި ފޮޓޯ މިއަދު ފުލުހުން ވަނީ އާއްމު ކޮށްފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލެބޯޓަރީ ގޮއްވާލަން ރޭވި ދުވަސްވަރު، ލެބޯޓަރީގައި ކެމިކަލް ރައްކާ ކުރާ ގުދަނެއް ފަޅާލާފައިވާ ކަމަށެވެ. އަދި މިކަން ތަޙްޤީޤް ކުރުމަށް ތިމަރަފުށިން 16 ގެއެއް ބަލާ ފާސްކުރި ކަމަށާއި "ނަޞާޙް-3" ނަމަކަށް ކިޔާ ދޯންޏަކާއި އިތުރު 2 ތަނެއް ބަލާ ފާސްކުރެވުނު ކަމަށެވެ.

"ނަޞާޙް-3" ދޯނިން ގޮވާ ޒާތުގެ އެއްޗެއް ހެދުމަަށް ބޭނުން ކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށާއި އަދި ދޯނި އަޅާފައި އޮތް ސަރަހައްދުގެ މޫދު އަޑިން ބެލިއިރު، 10 މީޓަރު އަޑިން، ބަޑި ބޭސް އެކުލެވޭ ކަމަށް ބެލެވޭ ކާޓިރިޖްތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މިމައްސަލައާ ގުޅިގެން ބަލާ ފާސްކުރި ގެއަކުން އައިއީޑީއެއް ހެދުމަށް ބޭނުން ކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރު ކުރާނެ ގޮތާ ބެހޭ ލިޔުންތައް ހުރި ޑިވައިސްތަކެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ފުލުހުންގެ ތަޙްޤީޤުން ހާމަވެފައިވާ ގޮތުގައި އެފަރާތްތަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޓެރެރިޒަމްގެ ހަމަލާތަކެއް ދިނުމަށް ރާވާ، ޓީމްތައް ކަނޑައަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސް އާއި ގުޅުން އޮންނަ ބައެއް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން

- އަބްދުﷲ ޝަރީފް، ތ ތިމަރަފުށި / ފެހިވިދުވަރުގެ ( 34 އަހަރު )
- އަޙްސަން މުހައްމަދު، ތ ތިމަރަފުށި / އަސްރަފީވިލާ ( 32 އަހަރު )
- އަލީ މުނީޒު، ތ ތިމަރަފުށި / ކެނެރީގެ ( 28 އަހަރު )
- މުހައްމަދު އާޞިރު، ތ ތިމަރަފުށި / އަސުރުމާގެ ( 34 އަހަރު )
- އަލީ އަރުހަމް މުހައްމަދު، ރ ކަނދޮޅުދޫ / ފެހިވިލާ ( 18 އަހަރު )
- ސަމާހު ޝަރީފް، ތ. ތިމަރަފުށި ސައިމާ ( 20 އަހަރު )

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / އަސްރަފީވިލާ، އަޙްސަން މުޙައްމަދަކީ ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ އަދި މީހަކަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރު ކޮށްފައިވާ މީހެކެވެ. މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ތ. ތިމަރަފުށި / ކެނެރީގެ، ޢަލީ މުނީޒަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ އަދި މުދަލަށް ގެއްލުންދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރު ކޮށްފައިވާ މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!