ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް މިދިޔަ އަހަރު ދެ ގުނައަށްވުރެ އިތުރު

ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތައް މިދިޔަ އަހަރު ދެ ގުނައަށްވުރެ އިތުރުވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު އެކޮމިޝަނުން ކުރި މަސައްކަތުގެ ތަފާސް ހިސާބުތައް މިއަދު އާންމު ކޮށްފައި ވެއެވެ. އެގޮތުން 2019 ވަނަ އަހަރު 114 ޝަކުވާ ހުށަހެޅިފައިވާއިރު މިދިޔަ އަހަރު އެ އަދަދު 288 އަށް އަރާފައި ވާކަމަށް އެހިސާބުތަކުން ދައްކަ އެވެ.
ޖޭއެސްސީން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ޖުމްލަ 304 މައްސަލައެއް މިދިޔަ އަހަރު ދިރާސާކޮށް އޭގެ ތެރެއިން ތަހުގީގުކުރަން 12 ޕަސަންޓް މައްސަލަ ނިންމާފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
މީގެއިތުރުން 114 މައްސަލާގައި 44 ތަހުގީގީ ކޮމިޓީއެއް މަސައްކަތްކުރި ކަމަށާއި، އޭގެ ތެރެއިން 74 ޕަސަންޓް މައްސަލަ ސާބިތު ވެފައިވާކަމަށް ވެސް ޖޭއެސްސީގެ ހިސާބުތަކުން ދައްކައެވެ.
ޖޭއެސްސީން ބުނެފައިވަނީ އެ މައްސަލަތައް ސާބިތުވެގެން، މިދިޔަ އަހަރު ނިމުނުއިރު އެކި ޝަކުވާތަކާ ގުޅިގެން ނުވަ ފަނޑިޔާރެއް މަގާމުން ވަކިކުރަން ނިންމުމުގެ އިތުރުން ދެ ފަނޑިޔާރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.