ފުރަބަންދު ކަރަންޓީނަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އޮތް ބާރެއް - ޑރ. ނަޒްލާ
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ފުރަބަންދު ކަރަންޓީނަކީ އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި ކަނޑައެޅިފައިވާ އުޞޫލުތައް މަތީ ދެމިތިބުން އަދިވެސް މުހިންމުކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ)ގެ ތަރުޖަމާން ޑރ. ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ސަރުކާރުން "ޖަޒީރާ ސައްލާ"ގެ ނަމުގައި ފެށި ޚާއްސަ ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްްކަތްތަކާމެދު ނަޒްލާ ވަނީ ވާހަކަ ދައްކަވާފައެވެ.
އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމާއެކު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް އެކަމުގެ އަސަރުކޮށް، ދަތިވާކަން ޤަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މި ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ވެސް އެންމެ މުހިއްމު ބޭނުމަކަށްވީ ބަލި އެއްތަނުން އަނެއްތަނަށް ދިއުން މަދުކޮށް ކޮންޓްރޯލް ކުރުންކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ފުރަބަންދު ކަރަންޓީނު ވުން ކަމަށާއި އެކަމުގެ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި އެންމެ ރަނގަޅަށް ބަލި ކޮންޓްރޯލްކުރުމަށް އެޅުނު އެއް މެޝަރ މިއީ. އެގޮތަށް އެކަން ނުކުރިނަމަ މިހާރު ނޭނގެ ރާއްޖޭގެ ކިތަށް ރަށުގައި ކަމެއް ވެސް ބަލި ފެތުރިފައި އޮންނާނީ. އެ ޙާލަތަށް ދިޔައީމަ އަޅުގަނޑުމެންގެ ހެލްތު ސިސްޓަމަށް ވެސް ކައުންސިލްތަކަށް ވެސް ސޯޝަލީވެސް މިކަން މެނޭޖްކުރަން ވަރަށް ދަތިވާ ހިސާބަށް ގޮސްފައި ހުންނާނީ" ޑރ.ނަޒްލާ ވިދާޅުވިއެވެ.