މިއަދުގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވުން މުހިއްމު: އިމްރާން
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެ ވޯޓު ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް އަދި އިންތިޚާބުގައި ވާދަ ކުރައްވާ، މި ސަރުކާރުގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މިއަދު ކުރިޔަށްދާ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައި ވާނެ ކަމަށް ޢިމްރާން ވިދާޅުވިއެވެ. އަދި މި އިންތިޚާބުގައި އަދާލަތު ޕާޓީގެ ހުރިހާ މެންބަރުން ބައިވެރިވެ ވަޑައިގެން ކުރިޔަށް އޮތް 5 އަހަރަށް ޕާޓީ ހިންގުމުގެ ޒިންމާ ހަވާލުކުރާނެ މީހަކު ކަނޑައެޅުމުގައި ބައިވެރިވެ ވޯޓު ލުމަކީ މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރިމަތިލެއްވި އިރު އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ކުރިމަތި ލައްވާފައެވެ. އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ކުރިއަށް ގެންދަނީ ކެމްޕޭނު ކުރުމަށް އެންމެ 8 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުއެވެ. އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
އެ ޕާޓީން އިންތިހާބަށް އިއުލާން ކުރުމާ އެކު އެކި ކަހަލަ މައްސަލަތައް ފެންމަތިވެފައި ވާއިރު ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ އާއި، އެ ޕާޓީގެ ބާރުތައް ވަކި ބަޔަކަށް ދޭން އުސޫލުތަކަށް ބަދަލު ގެންނަން މަސައްކަތްކުރާ ކަމަށް ބުނެ ޕާޓީގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ވެސް މައްސަލަތައް ހުށަހަޅާފައިވެއެވެ.