ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ބޮޑު ޖަމާޢަތުގައި ކުރި ފަތިސް ނަމާދުން ފަށައިފި
މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް، އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދުން ފަށައިފިއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް، މިއަދު ފަތިހު އިސްލާމީ މަރުކަޒުގައި ބޭއްވި ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދުން ފަށައިފިއެވެ.
މި ނަމާދުގެ ޖަމާޢަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ކެބިނެޓްގެ ބައެއް ވަޒީރުންނާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަތިސް ނަމާދަށް ފަހު، ހެނދުނު 06:00ގައި ނޮވެންބަރު 3ގެ ހަނދާނީ ބިނާގައި ވަނީ ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މީގެއިތުރުން މިއަދު ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުންތަކެއް އާންމުންނަށް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރުމަށް ވަނީ ނިންމާފައެވެ. އަދި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ނަޞްރުގެ ދުވަހުގެ ދިދަ ނެގުމާއި، ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމުގެ އިތުރުން "ނަޞްރުގެ ދުވަހުގެ ދުވުން" ކުރިއަށް ގެންދާނެއެވެ.
ނޮވެންބަރު 3ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ. ދިއްދޫ ޢުމަރު އަޙްމަދާއި، ހއ. ބާރަށު އިބްރާހީމް ޙުސައިންގެ ހަނދާނުގައި އެ ދެ ރަށުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދިއްދޫގައި މި މަހުގެ 13އާއި 14ގައި ހަރަކާތްތައް ބާއްވާއިރު، ބާރަށުގައި ހަރަކާތްތައް އޮންނާނީ މި މަހުގެ 20އާއި 21 ގައެވެ.





ކޮމެންޓް