އެލްޖީއޭ ބޯޑު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި: ހުރިހާ ގޮނޑިއެއް ޕީއެންސީއަށް
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ. މި އިންތިޚާބުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރީ ޕީއެންސީންނެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަނުކުރާ މެންބަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އެ އޮތޯރިޓީން މިއަދު އާންމުކޮށްފިއެވެ.
ދާއިމީ ނަތީޖާ ދައްކާގޮތުން، މީގެ ކުރިން އިއުލާންކުރި ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެ މަތިން އެލްޖީއޭ ބޯޑަށް ތިން ދާއިރާއަކުން މެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެއީ ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލްތަކުގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
މީގެ ތެރެއިން ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މަގާމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަގާމަށް ހޮވިފައެވެ.
ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް ޢަލީ އަޙުމަދެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރެއްވީ 314 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާއެވެ. ޒީނާ އިންތިޚާބުވީ 93 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.
އެލްޖީއޭގެ ބޯޑަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން 706 މީހަކު ވަނީ ވޯޓުލާފައެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.5 އިންސައްތައެވެ.






ކޮމެންޓް