ޚަބަރު

އޭޑީކޭގެ ބައެއް މުވައްޒަފުން ކަރަންޓީނުގައި ތިބުމުން، ބަލިމީހުން އެޑްމިޓު ކުރުން މެދުކަނޑާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން ދިޔުމާއި، އޭޑީކޭ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ވެސް ކަރަންޓީނުގައި ތިބުމުން، އެހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އޭޑީކޭއިން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، އާންމުންގެ ރައްކާތެރިކަމަށާއި އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ ރައްކަލަށްޓަކައި، ބަލިމަޑުކަން ފެތުރެމުންދާ ނިސްބަތަށް ބަލާ ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެހޮސްޕިޓަލުގެ އޯޕީޑީ ކޮންސަލްޓޭޝަންތައް އޮންލައިންއަށް ބަދަލުކޮށް، އިލެކްޓިވް ސާޖަރީތައް ވަގުތީގޮތުން މެދުކަނޑާލުމުގެ އިތުރުން ބަލިމީހުން އެޑްމިޓްކުރުން މި ވަގުތަށް ވަނީ މެދުކަނޑާލައިފައެވެ. އަދި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުން ވެސް ވަނީ ހުއްޓާލާފައެވެ.

މިބަދަލުތަކާއެކު ވެސް ހޮސްޕިޓަލުގެ އިމަޖެންސީގެ ހިދުމަތްތަކާ، އިމަޖެންސީގައި އެޑްމިޓް ކޮށްގެން ދޭންޖެހޭ ހިދުމަތްތަކާއި، ޑައިގްނޯސްޓިކް ހިދުމަތްތައް ކުރިޔަށް ދާނެ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އަނެއްކާވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެން، މިބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ވެސް އެއްބާރުލުން ދިނުމަށާއި ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓަލަށް ނުދިއުމާއި ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ވެސް އެކަނި، ނުވަތަ އެހީތެރިއެއްގެ ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންދެވުމަށް އޭޑީކޭ ހޮސްޕިޓަލުން އެދިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!