ޚަބަރު

ފާރިސްގެ މައްޗަށް ކުރާ ތުހުމަތު: ހެއްކާއެކު ދިޔާނާ ބަޔާން ހުށަހަޅައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު, ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރުކަމުގައިވާ ފާރިސް މައުމޫނާ ދެކޮޅަށް ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގައި ދިޔާނާ ހާޒިރުކޮށް ބަޔާނެއް ނަގައިފިއެވެ.

Ads by Hajj Corporation

ފާރިސްގެ މައްސަލައެއް ދިޔާނާ ފުލުހަށް މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ހުށަހަޅުއްވާފައި ވާއިރު، މައްސަލަ އަކީ އަނބުރާ ދައްކަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ ފައިސާގެ ތެރެއިން ބައެއް ފާރިސް އާ ހަވާލު ކުރުމުން އެ ފައިސާ ރައީސް މައުމޫނަށް ލިބި ވަޑައި ނުގަންނަވާ ކަމަށް ވިދާޅުވާތީ، ދަރިކަލުން ފާރިސް އެ ފައިސާއަށް ހިޔާނަތްތެރިވެ ވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައެވެ.

މދިޔަ ރިޔާސީ އިންތިހާބުގައި ޖާބިރު އަތްޕުޅުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނަގާފައިވާއިރު އެފައިސާ އަދިއަދަށް ދާންދެން ވެސް އަނބުރާ ނުލިބޭ ކަމުގައި ޖާބިރު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އެ ފައިސާ ހޯދުމަށްޓަކައި 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅުއްވާފައެވެ.

މިކަމާ ގުޅިގެން ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ވިދާޅުވީ، މިމަހު 23 ވަނަ ދުވަހު އެ މައްސަލަ ހުށަހެޅުމުން މިއަދު ހާޒިރުކޮށް ފުލުހުންގެ ތަހުގީގަށް އެކަމަނާގެ ބަޔާނެއް ނަންގަވާފައިވާ ކަމަށެވެ. އަދި އެމައްސަލައާ ގުޅޭ އިތުރު ހެކިތަކެއް ވެސް ވާނީ ފުލުހަށް ހުށަހަޅައިފައި ކަމުގައި ވެސް ދިޔާނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މައްސަލަ ހިނގައިގަނެ ކުރިޔަށް ދާ މިންވަރެއްގެ މައްޗަށް އިތުރު ހެކި ހުށަހަޅަމުން ގެންދާނެކަމުގައި ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މިއަދު ދެއްވި ބަޔާނުގައި ދެއްކެވީ ފައިސާގެ މުއާމަލާތް ހިނގައި ދިޔަ ގޮތުގެ ތަފްސީލީ ވާހަކަ ކަމަށާއި، އެ ތަފްސީލުތައް ފަހުން މީޑިއާއާ ހިއްސާކުރައްވާނެ ކަމުގައި ވެސް ދިޔާނާ ވިދާޅުވިއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!