ޚަބަރު

ވެކްސިން ދޭއިރު ދިމާވެދާނެ ކޮންމެ ހާލަތަކަށް ތައްޔާރު: ޑރ. ނަޒްލާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި މިއަދު ކޮވިޑް-19 ވެކްސިން ޖަހަން ފަށާއިރު، ވެކްސިން ދޭއިރު ދިމާވެދާނެ ކޮންމެ ހާލަތަކަށް ވެސް ތައްޔާރުކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) ގެ ތަރުޖަމާނު އަދި ގައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. ނަޒްލާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް ވެކްސިން ދިނުމުގެ ކުރިން އެމީހެއްގެ ސިއްހީ ހާލަތު ރަނގަޅަށް އޮޅުން ފިލުވާނެ ކަމަށެވެ. އަދި މިގޮތުން ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް، ވެކްސިންދޭ މަރުކަޒުތައް ތައްޔާރުވާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ހަ ތަނެއްގައި މިއަދު ވެކްސިން ޖަހަން ފެށޭނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފައިވާއިރު،  ވެކްސިން ދޭން ފެށުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އޮންނާނެއެވެ.

ވެކްސިން ދޭން ފަށަނީ މާލެ ސަރަޙައްދުން އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލު، ވިލިމާލެ ހޮސްޕިޓަލު، އަދި ސެނެހިޔާގައެވެ. މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު އަދި އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލު ގައި ވެސް ވެކްސިން ދޭން ފަށާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މާދަމާ މިފަށަނީ ސިއްޙީ ދާއިރާގެ ފްރަންޓްލައިންގަ މަސައްކަތްކުރާ ފަރާތްތަކާއި އަދި ސޯޝަލް ކެއާރ ގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް. ކުރިއަށް އޮތްތަނުގައި ރޯލްއައުޓް އިތުރަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް ފެށިގެން ދާނެ. އަދި ސިއްޙީ ދާއިރާއާއި ސޯޝަލް ކެއާރ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ޖެހި ނިމުމާއެކު އެހެން ގްރޫޕު ތަކަށް ވެސް (އަޅުގަނޑުމެންނަށް ވެކްސިން ލިބިފައި ހުރި މިންވަރަކުން) ވެކްސިން ޖެހުން ކުރިއަށް ދާނެ" ޑރ. ނަޒްލާ އިއްޔެ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން ވަނީ އެއް ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ވެކްސިން ހަދިޔާ ކުރުމަށްފަހު ވެކްސިން ނުޖަހާ މަޑުކުރީ އެކަމަށް ބޭނުންވާ ހުއްދަ ލިބެންދެނެވެ. އެގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަދި މިކަމަށް ހުއްދަ ދީފައިނުވި ނަމަވެސް، އެފްޑީއޭ އިން ވަނީ މިހާރު އެވެކްސިން ޖަހަން ހުއްދަ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!