ޚަބަރު

ކޮވިޑް-19: މަތިވެރިން ނެގި ސާމްޕަލްގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްޓުވި އަދަދު 30 އަށްވުރެ ގިނަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އއ. މަތިވެރިން ދެ ކުއްޖަކު ކޮވިޑަށް ފައްސިވެ، އެރަށް މޮނީޓަރިންއަށް ލުމާ ގުޅިގެން ނެގި ސާމްޕަލްތައް މިއަދު ހެނދުނު މާލެއަށް ފޮނުވާލައިފިއެވެ.

Ads by Hajj Corporation

މަތިވެރި ކައުންސިލުގެ ރައީސް އިސްމާއިލު އާތިފު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން މުޅިއަކު 47 ސާމްޕަލް މިހާތަނަށް ނަގައި، ސާމްޕަލްތައް މިއަދު ހެނދުނު މާލެއަށް ފޮނުވާފައިވާ ކަމަށެވެ.

"ފައްސިވީ ކުދިންނާ ޑައިރެކްޓް ކޮންޓެކްޓުން އެބައުޅޭ 30 އަށްވުރެ މައްޗަށް. އިއްޔެ ގްރޭޑް 10 ގެ ދެތިން ދަރިވަރަކު ވެސް ޑޮކްޓަރަށް ދައްކަންދިޔަ، އަލާމާތްތައް ހުރެގެން. ޝައްކު ކުރެވޭތީ އެކުދިންގެ ވެސް ނެގީ. ރޭންޑަމްކޮށް ވެސް ސާމްޕަލް ނަގައިފި. ކޮންޓެކްޓްވި ކަމަށް ޝައްކުރެވިގެން ނެގި އަދަދު 30 އަށްވުރެ މަތި" އާތިފު ވިދާޅުވިއެވެ.

މަރިވެރިން އުމުރުން ދެ އަހަރާއި 12 އަހަރުގެ ކުއްޖަކު ފައްސިވުމާ ގުޅިގެން އެރަށް މޮނީޓަރިންގަށް ލާފައިވަނީ ރޭ 8:30 ގައެވެ.

"ފައްސިވީ ދެކުދިންގެ ކާފަޔާ މާމަޔާ މީގެ ހަފްތާއެއް ކުރިން ފައްސިވީ، ހޯމް ކަރަންޓީނުގައި ތިއްބާ. ކައުންސިލުގެ ބެލުމުގެދަށުގައި ހުރި އިމާރާތަކަށް އެދެމަފިރިން ލާފަ، އެ ގެ ކަރަންޓީނު ކުރީ. ކަރަންޓީނު ކޮށްގެން މިދިޔަ ހޮނިހިރު ދުވަހު އެ ދެ ކުދިންގެ ގައިން އަލާމާތްތައް ފެނިގެން ސާމްޕަލް ނެގީ. މިއަދު ނަތީޖާ ލިބުނީ ދެ ކުދިން ފައްސި ކަމަށް." އާތިފު ވިދާޅުވިއެވެ.

ކޮވިޑަށް އެދެކުދިން ފައްސިވީއިރު، ދެ ކުދިންވެސް ތިބީ ކަރަންޓީނުގައި ކަމަށާއި ކަރަންޓީނަށް ލީ އެކުދިންގެ މާމައާއި ކާފަ ފައްސިވީ ފަހުން ކަމަށް ވެސް އާތިފު ވިދާޅުވިއެވެ.

"ނަމަވެސް ކަރަންޓީނު ކުރުމުގެ ކުރިން އެކުދިން ވަނީ ސްކޫލަަށް ވެސް ގޮސްފަ، ގިނަ ކުދިންނާ ޑައިރެކްޓް ކޮންޓެކްޓުވެސް ވެފައި ވަނީ. އެހެންވެ ރަށް މޮނީޓަރިންގަށް ލީ" ކައުންސިލު ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!