ހަނިފަރު ސަރަހައްދަށް ވަތް ޔޮޓެއް ޖޫރިމަނާ ކޮށްފި

ބ. އަތޮޅުގައި ހިމާޔަތް ކޮށްފައިވާ އެ އަތޮޅު ހަނިފަރު ހިމެނޭ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަތް ޔޮޓެއް ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނީ މިދިޔަ މަހު ހަތަރު ވަނަ ދުވަހު ޔޮޓެއް ހަނިފަރު ސަރަހައްދަށް ވަދެފައިވާ ކަމަށާއި ޔޮޓް ހަނިފަރަށް ވަނުމުގެ އިތުރުން އޭގައި ތިބި މީހުން އެ ސަރަޙައްދަށް ފައިބައި ކައިޓް ސާފްކޮށް ހަނިފަރަށް އަރައި އެހެން ހަރަކާތްތަކެއް ހިންގައިފައިވާ ކަމަށެވެ.
އެ ސަރަހައްދަށް ވަދެފައި ވަނީ "ވިޓާލިއާ 2 ލަންޑަން" އެވެ. އެ ޔޮޓްގެ ޝިޕިން އޭޖެންޓަކީ އޭޝިއާ ޕެސިފިކް ސްޕަ ޔޮޓްސް ޕްރައިވެޓް ލިމިޓެޑެވެ.
ހަނިފަރު ރައްކާތެރިކަމުގެ ގަވައިދާ އެ ފަރާތް ހިލާފުވެފައި ވާތީ އެ ޔޮޓްގެ ޝިޕިން އޭޖެންޓް، 6000 ރ. ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.