ލައިފްސްޓައިލް

ފައިސާ ހުއްޓަސް ނުގަނެވޭނެ އެއްޗެހި ބައިވަރެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯބިވާ އަނބިދަރީން ނުވަތަ ގާތްތިމާގެ މީހުން އުފަލުގައި ބޭތިއްބުމަކީ ިއެންމެން ވެސް އެކަމަކަށްޓަކައި މަސައްކަތްކުރާ ކަމެކެވެ. އަގު ބޮޑު ޗުއްޓީ ހޭދަ ކުރުމާއި އަނބިދަރީން ބޭނުންވާ ހަމަ ކޮންމެ އެއްޗެއް ހޯދައިދިނުމަކީ އުފަލަކަށްވެ ، އެކަން ޙާޞިލް ކުރުމަށް ފައިސާ ހޯދުމަކީ އެންމެންގެ ވެސް އަމާޒެވެ. ނަމަވެސް ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. އެހެން ނަމައީ ފައިސާވެރިންނަކީ ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ލިބިގެންވާ ބައެއްކަމުގައި ވީހެވެ. ފައިސާއިން އެކަނި ހާސިލް ނުކުރެވޭ ކަންކަން އެތައް ބައިވަރެވެ.

Ads by STELCO

ނިކަން ވިސްނާލަބަލާށެވެ. އިހްލާސްތެރި ރަހުމަތްތެރިއަކީ ގަނެވޭނެ އެއްޗެއް ނޫނެވެ. މުއްސަނދި މީހުންގެ ރަހުމަތްތެރިން ގިނަ ކަމަށް މީހުން ބުނެ އުޅެއެވެ. ނަމަވެސް އިޚްލާސްތެރި ރަހުމަތްތެރި އަކީ ހަމަ އެކަނި ތިމާގެ މުއްސަނދި ކަމުގެ ސަބަބުން އެކުގައި އުޅޭ މީހާ އެއް ނޫނެވެ. އެ ރަހުމަތްތެރިޔާ އަކީ ތިބާގެ އަތުގައި އެންމެ ރުފިޔާ އެއްވެސް ނެތް ދުވަހު ތިބާއަށް އެހީތެރިވެދޭ ރަހުމަތްތެރިޔާއެވެ. ނުވަތަ ކަމެއް ނުޖެހުނު ކަމުގައި ވިޔަސް ތިބާގެ ހާލު ބަލައި އުޅޭ ރަހުމަތްތެރިޔާ އެވެ. އަދި ތިބާއަށް ދަތި އުނދަގޫ ހާލަތެއް ޖެހުމުން ގެއްލޭ މީހުންނަކީ ތިބާގެ އިހްލާސްތެރި ރަހުމަތްތެރިންނެއް ނޫނެވެ. ތިބާ ވީ ހާލެއްގައި ވާން އިހްލާސްތެރި ރަހުމަތްތެރިން ތިބޭނެ ކަން ގައިމެވެ. ތިބާ ބަލިވުމުން އެ ރަހުމަތްތެރިޔާ ތިބާގެ ހާލު ބަލާނެ ކަން ޔަގީނެވެ.

ނަމަވެސް މުސްކުޅިން ބުނެ އުޅެނީ ވެސް ތެދެކެވެ. ހަކުރު ދެންޏާ ބޮޑުބޭބެއެވެ. ތިބާގެ އަތުގައި ފައިސާ ހުރި ނަމަ އެކުގައި އުޅޭނެ މީހުންވެސް ގިނަ ވާނެއެވެ. ރަހުމަތްތެރިން ކަމަށް ދައުވާ ކުރާ މީހުންވެސް ގިނަވާނެއެވެ. ނަމަވެސް އެކުގައި އުޅޭ ކޮންމެ މީހަކީ ރަހުމަތްތެރިއެއް ނޫނެވެ. ހިނިތުންވެ ވާހަކަ ދައްކާ ކޮންމެ މީހަކީ ހެޔޮ އެދޭ މީހެއް ވެސް ނޫނެވެ. ހަގީގީ ރަހުމަތްތެރިނަކީ ތިބާ ހާލުގައި ޖެހޭ ދުވަހުވެސް އަޅާލާ މީހުންކަން ގައިމެވެ. އެހެން ކަމުން ފައިސާ ހުއްޓަސް ނެތަސް އިހްލާސްތެރި ރަހުމަތްތެރިއަކު ނުލިބިދާނެއެވެ. ރަހުމަތްތެރިންނަކީ ފައިސާގެ ނޫޓުން ގަނެވޭނެ އެއްޗެއް ނޫނެވެ.

ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު އެކައްޗަކީ ލޯތްބެވެ. ލޯބި ނުވާ ހަމަ އެކަކުވެސް ދުނިޔޭގައި ނުހުންނާނެކަން ޔަގީނެވެ. ލޯބި ވުމަކީ ކުށެއް ނޫނެވެ. ލޯބި ވުމުގެ ހައްގު ނިކަމެއްޗަކަސް ފަގީރަކަސް ލިބިގެން ވެއެވެ. ސުވާލަކީ ލޯބި ގަނެވޭނެތޯއެވެ؟ ލޯބީގެ އަގަކީ ކޮބައިތޯއެވެ؟ ޖަވާބު ވަރަށް ވެސް ސާފެވެ. ލޯތްބަކީ ގަނެވޭނެ އެއްޗެއް ނޫނެވެ.އަގު ބޮޑު ނަމަވެސް ފައިސާގެ އަދަދަކުން އޭގެ އަގެއް ނުކިޔޭނެ ކަން ޔަގީނެވެ.

ތިބާ އަތުގައި ފައިސާގެ ނޫޓު ހުރުމުން ތިބާ ދެކެ ލޯބިވާ ކަމަށް ދައުވާ ކުރާ މީހުން ގިނަ ވެދާނެއެވެ. ނަމަވެސް އެ ލޯތްބަކީ ފަހަރުގައި ތިބާ ދެކެ ވާ ލޯތްބަށް ނުވެދާނެއެވެ. އެ ލޯތްބަކީ ތިބާގެ އަތުގައި ހުރި ފައިސާ ދެކެ ވާ ލޯބި ކަމުގައި ވެސް ވެދާނެއެވެ. ތިބާގެ އަތުގައި ފައިސާ ހުރުމުން ތިބާޔާ ކައިވެނި ކޮށް ލޯބީގެ ގޮތުން ގުޅޭނެ މީހުންވެސް ގިނަވާނެކަން ޔަގީނެވެ. ނަމަވެސް ތެދުވެރި ލޯބީގެ ނިޔަތަކަށް ވާންވާނީ ފައިސާ އެއް ނޫނެވެ. ތިބާގެ އަތުގައި ފައިސާ ހުއްޓަސް ނެތަސް ތިބާ ދެކެ ލޯބިވާ މީހަކު ލޯބި ވާނެއެވެ. ތިބާ ނިކަމެއްޗަކު ކަމުގައި ވާ ދުވަހުވެސް ތިބާ ދޫކޮށެއް ނުލާނެއެވެ. ތިބާއަށް ހިތްވަރު ދިނުމުގައި އަބަދުވެސް ދެމިހުންނާނެކަން ގައިމެވެ. އެހެން ކަމުން ލޯތްބަކީ ގަނެވޭނެ އެއްޗެއް ނޫނެވެ. ފައިސާ ހުއްޓަސް ނެތަސް ލޯބިވާ މީހަކު ލޯބި ވާނެއެވެ.

އަޅުގަނޑުމެން އެންމެންނަކީ ވެސް ވަރަށް "ބިޒީ" ބައެކެވެ.ހުސްވަގުތެއް މި ލިބެނީ ހާލަކުން ފަހަރަކުއެވެ. އަޅުގަނޑުމެންނަށް ހުސްވަގުތު ގަނެވޭނެ ނަމަ ކޮންފަދަހޭ ހިތަކަށް ނާރާތޯއެވެ؟ ހުސްވަގުތު ކޮޅެއް ގަނެލައިގެން އަރާމު ކޮށްލެވޭނެ ނަމައޭ ހިތަށް އަރާ ދޯއެވެ؟ ނަމަވެސް ކިތަންމެ ގިނަ ފައިސާއެއް ހުރި ނަމަވެސް ހުސް ވަގުތެއް ނުގަނެވޭނެ ކަން ޔަގީނެވެ.

އަޅުގަނޑުމެން އެންމެންވެސް ބޭނުންވާ އެއްކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމެވެ. ބަލިވުމަކީ އަޅުގަނޑުމެން އެހާ ހިތްއެދޭ ކަމެއް ނޫނެވެ. ނަމަވެސް އަތުގައި ފައިސާ ހުރި ނަމަވެސް ނެތް ނަމަވެސް އަޅުގަނޑުމެން ބަލިވާނެއެވެ. އަދި އަޅުގަނޑުމެން އަތުގައި ފައިސާ ހުރި ނަމަވެސް ނެތް ނަމަވެސް އަޅުގަނޑުމެންގެ ވެރި ރައްބުގެ ނިޔާފުޅާއި އެއްގޮތަށް ދުނިޔޭގެ ދަންފަޅި ހަމަވުމުން އެވަގުތު އިތުރުކުރެވޭކަށް ނޯންނާނެއެވެ. އާއެކެވެ. މަރު އައިސް ބައްދަލު ކުރުމުން ފައިސާ އަކުން ވަގުތުކޮޅެއް ނުގަނެވޭނެއެވެ. ނުވަތަ ދުޅަހެޔޮ ސިއްހަތެއް ނުގަނެވޭނެއެވެ.

އަތުގައި ހުންނަ ފައިސާ އަކުން ލިބޭ އެއްޗެއް ނޫނެވެ. އުފާވެރިކަން ލިބެނީ ތިބާ އެހެން މީހުނަށް ހެޔޮ ނިޔަތަކާ އެކު ކޮށްދޭ ކަންކަމުންނެވެ. ތިބާގެ ވެރި ރައްބަށް ކުއްތަންވެ ، އެއިލާހުގެ ޙަޟްރަތުން ލިބޭ މަދަދުންނެވެ.

އާދޭހެވެ. ދިރިއުޅުމުގެ ޒަރޫރަތްތައް ފުއްދުމުން އަޅުގަނޑުމެން ފައިސާ ހޯދަން ޖެހޭނެއެވެ. ހަމައެހެންމެ މުއްސަނދިކަން ހޯދަން އުޅުމާއި އަގުބޮޑެތި ދިރިއުޅުން އުޅުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ ވެސް ނިޢުމަތެކެވެ. ނަމަވެސް މުއްސަނދި މީހާއަށް ވެސް ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބެނީ ހަމައެކަނި ފައިސާއަކުން ނޫނެވެ. އުފާވެރިކަން ލިބެނީ ތިބާ އެހެން މީހުނަށް ހެޔޮ ނިޔަތަކާ އެކު ކޮށްދޭ ކަންކަމުންނެވެ. ހަމައެހެންމެ ތިބާގެ ވެރި ރައްބަށް ކުއްތަންވެ ، އެއިލާހުގެ ޙަޟްރަތުން ލިބޭ މަދަދުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!