ޚަބަރު

ޖަނަވަރީ މަސްތެރޭ ޖޫރިމަނާގެ ގޮތުގައި 12 މިލިއަން ރުފިޔާ، ސަރުކާރަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޖަނަވަރީ މަހުގެ 28 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 12.9 މިލިއަން ރުފިޔާ ސަރުކާރަށް ލިބިއްޖެއެވެ.

Ads by MWSC

ޖެނުއަރީ 2021 އިން 28 ޖެނުއަރީ 2021 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް 12.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ވަނީ ދައްކާފައެވެ.

ދުވަލެއްގެ މައްޗަށް ބަލާ ކަމުގައި ވަނީ ނަމަ މިއީ ދުވާލަކަށް 4 ލައްކަ 60 ހާސް ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު، މިއަހަރު ސަރުކާރަށް ޖޫރިމަނާގެ ގޮތުގައި ލިބުނު ވަރު ވަނީ ގާތްގަނޑަކަށް 6 މިލިއަން ރުފިޔާގެ އަދަދެއް ދަށް ވެފައެވެ. އެގޮތުން މިދިޔަ އަހަރު މި މުއްދަތުގައި ސަރުކާރަށް ލިބިފައިވަނީ 18.4 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން 1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ވަނީ 146.2 މިލިއަން ރުފިޔާ ލިބިފައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު 235.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު މާލީ ބަޔާނުން ހާމަވެގެން ދެއެވެ.

2020 ވަނަ އަހަރު ޖޫރިމަނާގެ ގޮތުގައި ލިބުނު މިންވަރު މަދުވި އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑު-19 އާއި ގުޅިގެން ގިނަ ދުވަސްތަކަކަށް މާލެ ސިޓީ ފުރަބަންދުކޮށްފައި އޮތުން ކަމަށް ބެލެވުނު ނަމަވެސް، މާލެ ސިޓީ އަށް ލުއިތަކެއް ދީ ކޮވިޑު-19 އާއި ގުޅިގެން އަޅަމުން ދިޔަ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަން ފެށުމާއެކު ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ ވަނީ އިތުރުވާން ފަށާފައެވެ.

2021 ވަނަ އަހަރު ވެސް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވާއިރު ހަމަ އެކަނި ޓްރެފިކް ވައިލޭޝަން ޖޫރިމަނާގެ ގޮތުގައި ވެސް 5،199،006 ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!