ދީން

ބަލިކަށިވެފައިވާ އީމާންކަމުގެ ފަރުވާ

ދެން އެމްވީ ، ދެން އޮންލައިން

ބައެއްފަހަރު ތިބާގެ އީމާންކަން ދަށްވާކަމަށް އިހްސާސްވޭ ހެއްޔެވެ؟ ނަމާދުގައި ދޭންވާ ސަމާލުކަން ކުޑަވެ ޚުޝޫޢަތްތެރިކަން ދަށްވާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ ނަމާދު ކުރުމާއި ޤުރުއާން ކިޔަވަން ފޫހިވުން އިޙްސާސް ކުރެވޭ ހެއްޔެވެ؟ ނުވަތަ ޤުރުއާން ކިޔެވިއަސް އެކަމާ ގަޔާނުވެ ކުރެވޭކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ މިކަންކަމުން އެއްވެސް ވަރަކަށް ތިބާގެ ވިސްނުމަށް އުނދަގޫވެ އެކަމުން ސަލާމަތްވާން ބޭނުންހެއްޔެވެ؟

Ads by STELCO

އެ ދުވަސްވަރެއްގައި ތިބާގެ އީމާންތެރިކަން ވަރަށް ވަރުގަދަވެ، ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމުން އުފާވެރިކަން އިޙްސާސްވެ، ޤުރުއާން ކިޔެވުކީ ތިބާގެ އުފަލެއްކަމުވި ދުވަސްވަރު އަދި އެ ޤުރުއާންނަށް ވިސްނަމުން މާނަތަކުން އަސަރު ކުރުވަމުން ދިޔަ ދުވަސްވަރު ސިފަކުރެވޭ ހެއްޔެވެ؟ ޛިކްރުތައް ކިޔައި އެކަމަށް ޝައުޤުވެރިވެ އަދި ކޮންމެ އަޅުކަމެއް ކަމުގައި ވިއަސް އެކަމެއް ކުރުމުން ހިތަށް ލިބުނު ހިތްހަމަޖެހުން ހަނދާން ކޮށްލައްވާށެވެ!

މި ކަންކަމަކީ އިންސާނީ ތަބީޢަތުގައި ލައްވާފައިވާ ކަންކަމެވެ. ބާއްޖަވެރިއަކީ މި އިމްތިހާނުތަކުން ކެތްތެރިކަމާއެކު ފާސްވެ ﷲގެ ހަޟްރަތުން މަތިވެރި ދަރަޖަ ޙާޞިލުކުރާ މީހާއެވެ. އީމާންކަން ދަށްވާކަން ފާހަގަ ކުރެވޭނަމަ ތިރީގައި މިވާ ކަންކަމާ މެދު ވިސްނާ ބައްލަވާށެވެ!

  1. ވޭތުވެ ދިޔަ މަދު ދުވަސްކޮޅެއް ނުވަތަ ހަފްތާތަކެއްގެ ތެރޭގައި ތިބާގެ ޢަމަލުތައް ހުރިގޮތާމެދު ފިކުރު ކޮށްލަން ވަގުތުކޮޅެއް ހުސްކޮށްލާށެވެ. މީހުންގެ ވާހަކަ ދެއްކުން، ޓީވީ ނުވަތަ އިންޓަރނެޓް ހެޔޮގޮތުގައި ނޫންގޮތަކަށް ބޭނުން ކުރުން، ބޭކާރުގޮތުގައި ވަގުތު ހޭދަކުރުން ނުވަތަ ނަމާދު ވަގުތުން ފަސްކުރުން އަދި މި ނޫންވެސް މިފަދަ ބައެއް ކަންކަން ކުރެވިފައިވޭތޯ ބަލާށެވެ! ﷲ އެކަމަކުން ނުރުއްސަވާ ކަމެއް ކުރެވިފައިވާނަމަ އެއިން ކޮންމެ ފަހަރަކު ﷲ ސުބްހާނަހޫ ވަތަޢާލާ ހިތުގެ ވަށައިގެން ފަށަލައެއް ލައްވައެވެ. އަދި މިކަން ދިގުދެމިގެން ދިޔަވަރަކަށް އީމާންކަން ބަލިކަށިވަމުންދާނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.

﴿كَلَّا ۖ بَلْ ۜرَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ﴾ [سورة المطففين ١٤]

މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.”

  1. ހަމަހިމޭންތަނެއްގައި އިށީނދެ ﷲ ތަޢާލާ ތިބާއަށް ދެއްވި ނިޢުމަތްތަކާމެދު ވިސްނާ ފިކުރު ކުރާށެވެ. ތިބާގެ ޞިއްޙަތާއި، އަނބިދަރިންނާއި، ތިބާގެ ތަޢުލީމާއި، ރިޒްޤާއި، އިސްލާމްކަމުގެ ނިޢުމަތާއި، އެތައް މިލިއަން ބައެއްގެ ތެރެއިން ތިބާއަށް އެއިލާހު ދެއްވި ހާލަތާއި، މަގުމަތީގެ ބަދަލުގައި ހިޔާވެހިކަމުގެ ގޮތުގައި ދެއްވި ގެތަކާއި، ފިނިކަމުގެ ބަދަލުގައި ދެއްވި ހޫނުކަމާއި، ޞަދަޤާތް ކުރުމުގެ ތަނަވަސްކަން ލިބިފައި ވުމާއި، އެހެންމީހުންގެ ގާތަށް ސަލާން ޖަހަން ދާން ނުޖެހުމާއި، އަދިވެސް ގުނާ ޢަދަދު ނުކުރެވޭ ކިތަންމެ ނިޢުމަތެއް ﷲ ކޮންމެ ދުވަހަކު ދެއްވާފައިވާކަން ތަޞައްވަރު ކުރާށެވެ. ތިބާ ލޯބިވާ މީހުންނާ ދުރުގައިވުމުން ކަންތައް ވާނެގޮތް އިޙްސާސް ކޮށްލާށެވެ. އަދި ތިބާއަކީ ފެނުމުން މަޙްރޫމްވެފައިވާ މީހަކަށް ވީނަމަ ކަންތައްވާނެގޮތް ސިފަކޮށްލާށެވެ. ނުވަތަ ބޮޑު ބައްޔެއްގައިވާ މީހާގެ ޙާލަތު ތަޞައްވުރަށް ގެންނާށެވެ. ނުވަތަ ތިމާގެ އެއްވެސް އެހީތެރިޔަކު ނެތްނަމަ ހާލަތު ހުންނާނެ ގޮތް އިޙްސާސް ކޮށްލާށެވެ. މި ކަންކަން ތިބާއަށް ފުރިހަމަ ގޮތުގައި އެނގި އިޙުސާސްވުމުން، ﷲ ތިމާއަށް ދެއްވި ނިޢުމަތް ހަނދާންވެ، އަޅުކަމުގައި ހީވާގިކަން އަންނާނެއެވެ.
  1. ތަނެއްގައި އިށީނދެ ތިބާ މަރާ ބައްދަލުކުރާ ވަގުތުގައި ކަންތައް ހުނާނެގޮތް ތަޞައްވަރު ކޮށްލާށެވެ. ތިބާ އެތަނެއްގައި ބާއްވާފައި ޖަނާޒާއަށް ތައްޔާރުކޮށް، ތިބާގެ ފޭރާން ހުދު ކަފުނަށް ބަދަލުކޮށް ތިބާ ހިނަވައި ކަންތައް ކުރާއިރު ތިބާއަށް އެއްވެސް ކަމެއް ކުރުމުގެ ބާރު ލިބިގެންނެއް ނުވާނެއެވެ. އެންމެ ކުޑަމިނުން ތިބާގެ އައުރަ އެހެން މީހުންގެ ކިބައިން ނިވާކޮށްލުމުގެ އަމިއްލަ ބާރެއްވެސް ތިބާއަކަށް ނުވާނެއެވެ. އެ ހުރިހާ ކަމެއް ކުރާނީ ހިނަވާ މީހުންނެވެ. ތިބާގެ އެއްވެސް ކަމެއް އަމިއްލަ ނަފްސަށްވެސް ކޮށް ނުދެވޭނެއެވެ. އެއް ދުވަހެއްގައި ތިބާ ލައި އުޅުނު ހެދުމަކީ އެދުވަހުން ތިބާގެ ޙައްޤަކަށް ނުވާނެއެވެ. ހުދު ކަފުނެއް ފިޔަވައެވެ. އެ ދުވަހަކީ ތިބާގެ ހުރިހާ އެއްޗެއް ގޭގައި ބަހައްޓާފައި ދާން ޖެހޭ ދުވަހެވެ. ތިބާގެ އާއިލާ މީހުން އެ ވަގުތު ތިބާގެ ގާތުގައި ތިއްބަސް ތިބާ ވަޅަކަށް ލާފައި އެމީހުންވެސް ދާނީއެވެ. ދެން ތިބާ އާއެކު ވާނީ ހަމަ އެކަނި ތިބާގެ ޢަމަލުތަކެވެ. ކުރި ނަމާދުތަކެވެ. ޛިކުރުތަކެވެ. ހިފި ރޯދައެކެވެ. މިނޫންވެސް ކުރި ހެޔޮ ޢަމަލުތަކެވެ.
  2. ފަތިސް ނަމާދަށް ގަޑިއެއްގެ އިރު ނުވަތަ 40 މިނެޓް ކުރިން ހޭލާށެވެ. އެއީ ﷲ ސުބްހާނަހޫ ވަތަޢާލާ ދުޢާ އިޖާބަކުރައްވާ ވަޤުތެއްކަމުގައި ލައްވާފައިވާ ވަޤުތެކެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ.

((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)) [رواه البخاري ومسلم]

މާނައީ: “އަހަރެމެންގެ ރައްބު تبارك وتعالى، ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބަޔަށް ވެފައިވަނިކޮށް ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ. ތިމަންއިލާހަށް ދުޢާކުރަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ. ފަހެ އެމީހަކަށް ދެއްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނަމެވެ.”

ކަން މިހެން ހުރި އިރު އެވަޤުތުގައި ނަމާދުކޮށް އެކަލާނގެ ހަޟްރަތައް ދުޢާ ކުރާށެވެ. ތިބާގެ އިޙްސާސްތައް އެއިލާހުގެ ޙަޟްރަތަށް ބަންޑުންކޮށްލާށެވެ. ބުނާށެވެ. “އޭ ﷲ! އަހަރެންގެ ހިތް ހަރުވަނީއެވެ. އަހަރެންގެ ހިތް ހަރުވަނީއެވެ. އަހަރެންގެ އީމާންކަން ބަލިކަށި ވަނީއެވެ.” އެ ވަޤުތުގައި ގިނައިން އިސްތިޣްފާރު ކުރުން ގިނަކުރާށެވެ. ﷲ ސުބްހާނަހޫ ވަތައާލާ ތިބާގެ އީމާންކަން ވަރުގަދަކުރައްވާ ހިތުގެ ވަށައިގެންވާ ފަށަލަ އުފުއްލަވާފާނެތެވެ. އެއިރުން ތިބާައަށް ރޭގަނޑުގެ ދަމުނަމާދު (ތަހައްޖުދް) ކުރުމުގެ ތައުފީޤު ދެއްވަފާނެއެވެ. އެއީ ތިބާ ހޭލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ހޭލައިގެން އެތައް ސަވާބާއި އަޖުރު ހާސިލު ކުރެވޭނެ ކަމެކެވެ. އެވަގުތު ނިދީގައި ބޭކާރު ކުރަންވީ ކީއްވެ ހެއްޔެވެ؟

  1. ދީނީ ދަރުސްތައް އަޑުއަހާށެވެ. ނުވަތަ އެނޫންވެސް ފައިދާ ކުރަނިވި އެއްޗެއް ބަލާށެވެ. ދީނީ ފޮތްތައް ހޯދައިގެން ކިޔާށެވެ. ދީނީ ލިޔުންތައް ކިޔާށެވެ. ތިބާގެ ހިތުގެ ވަށައިގެން ލެވިފައިވާ ފަށަލަ ފިލާނެފަދަ ދީނީ ލިޔުންތައް ކިޔާށެވެ. އެކަމާމެދު ހިތާމަކުރަން ނީންނާށެވެ. އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާށެވެ. ﷲ ތިބާއަށް ކަންކަން ކުރަންވީ ގޮތުގެ މަގު ތަނަވަސް ކޮށްދެއްވާނެއެވެ. އީމާންކަމަކީ އިތުރުވެ މަދުވާ އެއްޗެކެވެ. މި ކަންކަމަށް ވިސްނައިގެން އުޅޭނަމަ ތިބާއަކީ ކާމިޔާބު ލިބިގެންވާ މީހަކަށް ވާނެއެވެ. ޝައިޠާނާ ތިބާއަށް ވަސްވާސް ދޭނަމަ އަމިއްލަ ނަފްސަށް ބުނާށެވެ. “އަހަރެންނަށް ނުބައި ވަސްވާސްދޭން ތީ ކާކު ހެއްޔެވެ؟ ކަލެއަކަށް ތިކަމެއް ނުވާނެއެވެ.” ޝައިޠާނާގެ ކެހިވެރި ރޭވުންތަކުން ސަލާމަތް ކުރައްވާތޯ އަބަދުވެސް ދުޢާކުރާށެވެ!

މަސްދަރު: ދިސަލަފިއްޔާ.ނެޓް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!