ލައިފްސްޓައިލް

އެހެން ކުދިންގެ މަންމަ އެކުދިންނާއެކު އުޅޭ ލޯބިވެތި ގޮތް ފެނުމުން އަހަރެންގެ ހިތް ފަޅައިގެންދޭ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޭ މަންމާއެވެ. އަހަރެން މަންމަ ދެކެ ވާ ލޯތްބަކީ ގަލަމަކުން ބަޔާން ކުރެވޭ ވަރަށް ވުރެ މާ ފުން ލޯތްބެކެވެ. ފުން ކަނޑަކަށް ވުރެ ވެސް އެތައް ގުނައެއް ފުން ލޯތްބެއް އަހަރެން މަންމަ ދެކެ ވަމުއެވެ. އެހެންނަމަވެސް މިއަދު އަހަރެންގެ މަންމަ އަހަރެން ގާތުގައި ފެންނާން ނެތް ކަމީ މި ދެލޮލުން ފައިބާ ކޮންމެ ކަރުނަ ތިއްކެއް އަހަރެންނާ ކުރަމުން އަންނަ ޝަކުވާތަކެކެވެ. އެތައް ސުވާލު ތަކެކެވެ.

Ads by MWSC

އެހެން ކުދިންގެ މަންމައިން އެކުދިން ގޮވައިގެން ފިހާރަތަކަށް ގޮސް މީރު ކާއެއްޗެހި ގަނެދޭ މަންޒަރު ފެނެއެވެ. ޕާކަށް ގޮސް އެކުގައި މަޖާ ކޮށް ހީ ސަމާސާ ކުރާ މަންޒަރު ވެސް ފެނެއެވެ. އެހެންނަމަވެސް އަހަރެން މިއިން އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. މިއަދު އަހަރެން އެންމެ ބޭނުންވަނީ އަހަރެންގެ ލޯބިވާ މަންމައާ ބައްދަލުވެލުމެވެ.

މަގޭ މިހިތުގެ ކާނާއަކީ އަހަރެންގެ މަންމައެވެ. މަންމަ ނެތުމުން މަގޭ ހިތް އަބަދުމެ ހުސްބަނޑާ ހަޅުތާލުކުރަނީ އެމަންމަ ގާތަށް ދިއުމަށް އެދިއެދިއެވެ. ނިކަން ލޯބިން “މަންމާ” އޭ ކިޔާ ބައްދާލާ ހިތުން މަގޭ ހިތަށް ކުޅަދާނަވާ ވަރެއް ނޫނެވެ. މަންމާއެވެ. މަންމައާއެކު މަދު ދުވަސްކޮޅެއް ނަމަވެސް ހޭދަ ކޮށްލުމުގެ ފުރުސަތު ލިބުނީތީ އެކަލާނގެ ޙަޟްރަތުން ތާއަބަދުމެ ޝުކުރުވެރިވަމެވެ.

އަހަރެންގެ އުމުރުން ކިތަންމެ އަހަރެއް ވީ ނަމަވެސް އަބަދުވެސް އަހަރެންނަކީ ތިޔަ މަންމަގެ ލޯބިވާ ދަރިފުޅެވެ. މަންމަގެ ލޯބިވާ ދޮންފުތެވެ. މަންމަ ނެތުމުން އަހަރެންގެ ޙަޔާތުގެ ކޮންމެ މިނެޓެއް ވެސް ގަޑިއިރެއް ފަދައެވެ. އަދި ކޮންމެ ދުވަހެއް ގަރުނެއް ފަދައެވެ. ލޯމަތިން ސިފަވަނީ މަންމާގެ ތިޔަ އުޖާލާ ކުރުވަނި މޫނާއި ހިނިތުންވުމެވެ.

ގެއިން ބޭރުގައި ކިތަންމެ އިރެއް ވަންދެން އުޅުނު ނަމަވެސް އަހަރެން ކޮބައިތޯ ނުވަތަ ނަމާދު ކޮށްފިތޯ އަބަދުވެސް މަންމަ ބަލާ ހަދަމު ނޫން ހެއްޔެވެ؟ މިއަދު އަހަރެން ގެއިން ބޭރަށް ދާކަށް ހިތެއް ނޭދެއެވެ. ސަބަބަކީ މި ގޭގައި އަހަރެންގެ ލޯބިވާ ނިޔަނެތި މަންމާގެ ހަނދާންތައް ތާއަބަދަށް ހަރުލެވިފައިވާތީއެވެ. ހެނދުނު ހޭލާ ކޮންމެ ދުވަހަކު ވެސް މަންމަ ރޮށި ފިހަން އުޅޭ ހެން ހީވެގެން ގޮސް ބަދިގެ ވެސް ބަލަމުއެވެ. އެހެންނަމަވެސް މަންމައެއް އަދަކު ނެތެވެ.

އަހަރެން އަބަދުވެސް އެދެނީ މަންމަ އަށް ހެޔޮ ރަޙުމަތް ލެއްވުމެވެ. ޖަންނަތުން މަންމައާއި ބައްދަލު ވުމުގެ ފޮނި އުއްމީދު އަބަދުމެ ވާނެއެވެ. މަންމަ ދިންހާ ނަސޭހަތްތައް އަބަދުވެސް ކަނުލާ އަޑުއެހި ފަދައިން މިއަދު ވެސް އެ ނަސޭހަތްތަކުގެ މަތީގައި އިރާދަފުޅުން ދެމިހުރީމެވެ. މަންމާއެވެ. އަހަރެން މަންމަ ދެކެ އިންތިހާ ލޯބިވަމެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!