މިއީ ވިރާޓް އާ ވަމިކާއެއް ނޫން!

މިދިޔަ މަހު ބޮލީވުޑްގެ ފޭނުންނަށް ލިބުނު އެންމެ ބޮޑު އެއް އުފާވެރި ޚަބަރަކީ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާ އާއި ފިރިމީހާ ވިރާޓް ކޯލީ އަށް އަންހެން ދަރިއެއް ލިބުނު ހަބަރެވެ.
ދަރިފުޅަށް "ވަމިކާ" ގެ ނަމުން ނަން ދީފައިވާ ނަމަވެސް މި ދެތަރިން ވެސް މިހާތަނަށް ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެއެވެ. ވިރުޝްކާގެ ދަރިފުޅު ބަލާލައި އެ އެކުއްޖާގެ ކަންކަން ދެނެގަތުމަށް ފޭނުން ތިބެނީ ކެތްމަދުވެފައެވެ.
ކެތްމަދުވެފައި ތިބި ފޭނުންނަށް ހައިރާން ކަމަކަށް ވެގެންދިޔައީ ވިރާޓް ކުޑަ ކުއްޖަކު އުރައިގެން ހުރި ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. ގިނަ ބަޔަކު ފުރަތަމަ ހީކުރީ ވިރާޓް އުރައިގެން ހުރީ އެ ދެމީހުންގެ ދަރިފުޅު ވަމިކާ ކަމަށެވެ.
ނަމަވެސް ވިރާޓް އުރައިގެން ހުރީ ފިރިހެން ކުއްޖެކެވެ. އަދި އެއީ ވިރާޓް އެއްވެސް ނޫނެވެ. އެއީ އެޑިޓް ކޮށްފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން އަސްލު ފެނިގެން ދަނީ ބެންގާލް ފިލްމު ޑައިރެކްޓުކޮށް ޕްރޮޑިއުސް ކުރަމުން އަންނަ ރާޖް ޗަކްރޮބަތީގެ ދަރިފުޅެވެ.