މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގާއި އުއްމީދާމެދު ސަރުކާރުގެ ސިޔާސަތު އޮތްގޮތް ސާފުވެއްޖެ: މުއިއްޒު
ރައީސް ޔާމީންގެ ވެރިކަމުގައި ތިލަފުށީގައި އެޅުމަށް ނިންމި ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކޮށް އެތަނުގައި ޕޯޓް އަޅުއްވާނެ ކަމަށް ރައީސް ސޯލިޙް ވިދާޅުވުމަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ ހައްގާއި އެކަމުގެ އުއްމީދާމެދު މި ސަރުކާރުގެ ސިޔާސަތު އޮތްގޮތް ސާފު ވެގެން ދާ ކަމެއް ކަމުގައި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިޙްގެ ރިޔާސީ ބަޔާނާ ގުޅިގެން މުއިއްޒު ވަނީ ގުޅީފަޅުގައި ޕޯޓް ހެދުމާއި ހިޔާ މަޝްރޫޢާ ގުޅިގެން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫޢުގެ 7000 ފްލެޓާ ގުޅޭ ގޮތުން ރައީސް ސޯލިޙް އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައި ނުވާތީ މުއިއްޒު ވަނީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.
“ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ހިޔާ މަޝްރޫއުގެ ވާހަކަ އެއްވެސް ވަރަކަށް ނުގެންނެވީތީ ހިތާމަކުރަން ، ހިޔާ ފްލެޓްތައް އަތުލި ނިކަމެތި ރައްޔިތުންގެ އިހްސާސްތަކާއި ފްލެޓްތައް ލިބޭ ރައްޔިތުންގެ އިންތިޒާރަށް އެއްވެސް ސަމާކުކަމެއް ނުދެއްވާކަން ސާފު ވެގެން ދިޔަ” މުއިއްޒު ވިދާޅުވިއެވެ.
ހިޔާ މަޝްރޫއާ ގުޅޭ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ރައީސް ސޯލިޙް ވިދާޅުވެފައި ނުވާއިރު ފްލެޓްތަކުގެ ހައްގުވެރީންނަށް ފްލެޓް ދެއްވުމަށް ކަމަށް ވިދާޅުވެ އެމަނިކުފާނު އުފެއްދެވި ފްލެޓް ކޮމިޓީން ވަނީ އަލުން މާކްސްދީ ލިސްޓްތައް އިއުލާން ކޮށްފައެވެ. އެ ލިސްޓްތަކުން ފެންނަ ގޮތުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ފްލެޓް ހައްގުވާއިރު ، ހައްގު ނޫން ކަމަށް ނިންމި ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ބައެއް މީހުންގެ ވާހަކަތައް މީސްމީޑިއާގައި ވަނީ އާންމު ވެފައެވެ.
މީގެ އިތުރުން މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅުގެ ބަދަލުގައި ތިލަފުއްޓަށް ބަދަލުކޮށް ގުޅީފަޅަކީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ޚާއްޞަ ކުރެވޭ ރަށަކަށް ހެދުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި އެކަމަށް އެމަނިކުފާނު ދަނީ ވަކާލާތު ކުރައްވަމުންނެވެ.