ފޭސްބުކް މެދުވެރިކޮށް ސްކޭމް ހިންގި ދެ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

މުދާ ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި ދެމައްސަަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ހީނާގެ / ނ. ހޮޅުދޫ، ޢަލީ ޢައްފާން (32އ) އާއި ޕްލާޒާ / ނ. ހޮޅުދޫ، މުޙައްމަދު ޙަމީދު (34އ) އަދި ވީނަސް / ނ. ވެލިދޫ، ޙައްސާނު ޢަލީ (34އ) ކަމަށެވެ.
މި ތިންމީހުންގެ ތެރެއިން ޙައްސާނު ޢަލީ ހައްޔަރުކޮށްފައި ވަނީ 2026 ސެޕްޓެންބަރު 2ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްއިން ދިމާވި މީހަކާ ވާހަކަދައްކައި ޑިންގީއެއް ވިއްކާނެ ކަމަށްބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ޢަލީ ޢައްފާންއާއި، މުޙައްމަދު ޙަމީދު ހައްޔަރުކޮށްފައި ވަނީ 2026 އޮގަސްޓު 7ވަނަ ދުވަހުގެ ވަގުތެއްގައި ފޭސްބުކް މާކެޓް ޕްލޭސްގައި އިންޖީނެއް ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުންް 30,000 ރުފިޔާ އަތުލާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި އޮކްޓޫބަރު މަހުގެ 24ވަނަ ދުވަހު އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ނ. ހޮޅުދޫއިންނެވެ. ކޯޓު އަމުރެއްގެދަށުން އެ ދެމީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ދެމައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.





ކޮމެންޓް