Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަންނަ މަހު ބާއްވާ ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފި

ނޮވެމްބަރު 28 ގައި ބާއްވާ ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)
ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އީސީ)

އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ބުނީ، މި ބައި-އިލެކްޝަން ބާއްވަނީ އެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ ހަތަރު ދާއިރާއެއްގެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ކަމަށެވެ. މީގެ އިތުރުން ނ. ކުޑަފަރީ ޑަބްލިއުޑީސީގެ މެންބަރުކަމަށް އެމްޑީއޭގެ ފަރާތުން އާއިޝަތު ސުހާ މުޙައްމަދު ސިނާން އެކަނި ކުރިމަތިލާފައިވާތީ، އޭނާ އިންތިޚާބަކާ ނުލައި އެ ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅާފައެވެ.

އިންތިޚާބު ބާއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލްގެ ރައީސާއި އެ ރަށު ޑަބްލިއުޑީސީ މެންބަރު ހޮވުމާއި، ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސް އަދި އައްޑޫ ސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރު ހޮވުމެވެ. ކޮންމެ މަގާމަކަށް ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އީސީން ވަނީ އެ ބޭފުޅުންގެ ކެންޑިޑޭޓް ނަންބަރުތައް ވެސް ތަރުތީބުކޮށްފައެވެ.

ތިނަދޫ ކައުންސިލް ރައީސް ކަމަށް ޝުޖާއު އަލީ (އެމްޑީޕީ)އާއި އަހުމަދު އަމަން މުހައްމަދު (ޕީއެންސީ) ވާދަކުރައްވާއިރު، އެ ރަށު ޑަބްލިއުޑީސީއަށް ވާދަކުރަނީ ޒީނާ އަހުމަދު (އަމިއްލަ) އަދި ރިސްފާ ނަސީމް (އެމްޑީޕީ)އެވެ. ވަށަފަރު ޑަބްލިއުޑީސީ ރައީސް ކަމަށް ރިޝްމާ އާދަމް (އަމިއްލަ)އާއި ޒައިނާޒް އަހުމަދު (ޕީއެންސީ) ކުރިމަތިލާފައިވާއިރު، ހުޅުދޫ ޑަބްލިއުޑީސީއަށް ވާދަކުރަނީ ފާތިމަތު ނަބާހާ (ޕީއެންސީ)އާއި ފާތިމަތު މުނީރު (އެމްޑީޕީ)އެވެ.

މި އިންތިޚާބުގައި ޖުމްލަ 3,776 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިނަދޫގެ 185 މީހުންނާއި ވަށަފަރުގެ 688 މީހުންގެ އިތުރުން ހުޅުދޫގެ 2,903 މީހުންނެވެ. ވޯޓުލުން ކުރިއަށްދާނީ ނޮވެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00އިން ހަވީރު 4:00 އަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް