ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި
ތިނަދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ގދ. ތިނަދޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ އެކި ޔުނިޓުތައް ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަންގައި ތިނަދޫގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތިނަދޫގެ ތިން މީހަކާއި ގައްދޫ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެއީ ގދ. ތިނަދޫ، މިނިވަން އައްސޭރި، އަޙްމަދު ހާޝިމް (36އ)އާއި، އެ ރަށު ވެހަފުލާ، އަތޫފް އަޙްމަދު (25އ)އާއި، ވިލާޑީލައިޓް، ނާޖިދު ޢަބްދުﷲ (42އ)ގެ އިތުރުން ގދ. ގައްދޫ، ފުސްފަރާގެ، މުޙައްމަދު ޝާއިފް ޖަލީލް (18އ)އެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންގައި 6.3 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އަދި ތިނަދޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





ކޮމެންޓް