Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިފްކޯއަށް 33 އަހަރު ފުރުން: ހަތް ބަނދަރަކުން މިއަދު މަސް ކިލޯއެއް 23 ރުފިޔާއަށް

މިފްކޯއަށް 33 އަހަރު ފުރުން: ހަތް ބަނދަރަކުން މިއަދު މަސް ކިލޯއެއް 23 ރުފިޔާއަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ވުޖޫދުވިތާ 33 އަހަރު ފުރުމުގެ ތާރީހީ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު މިފްކޯގެ ބަނދަރުތަކުން 23 ރުފިޔާއަށް ކިލޯއެއްގެ މަގުން މަސްކިރާނެކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

ފާއިތުވި 33 އަހަރުގައި އެ ކުންފުންޏަށް އެކި ބަދަލުތައް ގެނެވިފައިވެއެވެ. އެގޮތުން މިފްކޯގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް މިފްކޯ ގެންގޮސް ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރެވުނީ 2016ވަނަ އަހަރުއެވެ. އެސްޓީއޯ މިފްކޯގެ ދަށުގައި އޮތުމަށް ފަހު އެސްޓީއޯއިން ވަކިކޮށް އަލުން ވަކި މުސްތަގިއްލު ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހަރަކާތްތެރިވާ ސައްތައިން ސައްތަ ދައުލަތުގެ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އެއީ 2024ވަނަ އަހަރުއެވެ.

މީސްމީޑިއާގައި މިފްކޯއިން މިއަދު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މިއަދު ހަތް ބަނދަރަކުން މަސް ކިރުވާނެއެވެ. އެއީ ފެލިވަރާއި، ކޫއްޑޫއާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރަށް ތ.ހިރިލަންދޫ ބަނދަރާއި، ގދ.ތިނަދޫ ބަނދަރާއި، މ.މުލަކުގެ ބަނދަރާއި، ހއ.އިހަވަންދޫ ބަނދަރުންނެވެ.

މިހުރިހާ ބަނދަރަކުން މިއަދު ކަޅުބިލަމަހާއި ދިހަ ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބަރުދަންހުރި ބޮޑު ކަންނެއްޔާއި، 15 ކިލޯއަށްވުރެ ބަރު ބޮޑުކަންނެލި ކިރުވާނީ ކިލޯއަކަށް 23 ރުފިޔާގެ މަގުންކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ވެރިކަން ބަދަލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަން ރުފިޔާ މިފްކޯއަށް ނުދެއްކި، މަސްވެރިންނަށް ފައިސާ ދެވޭނެ ހަރުދަނާ އިންތިޒާމެއް ހަމަނުޖެހި އޮތް ނަމަވެސް، އެއިރު ނުދައްކައި ހުރި ހުރިހާ ފައިސާއެއް ދެއްކުމަށް ފަހު، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދޫކުރެވޭނެ އިންތިޒާމެއް ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހާރު ހަމަޖައްސާފައިވެއެވެ.

މިފްކޯއިން ކުރިން ގަންނަމުންއައީ ހަަމައެކަނި ކަޅުބިލަމަސް ކަމުގައިވީ ނަމަވެސް ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް މިހާރު އެ ކުންފުނިން އަންނަނީ ބޮޑުކަންނެލިވެސް މަސްވެރިން އަތުން ގަންނަމުންނެވެ. އަދި ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް ބަރޯސާކޮށް މަހުގެ އަގު ކަނޑައަޅާ ގޮަތަށް ބަދަލުކުރުމަށްފަހު ފާއިތުވި ތިން މަހެއްހައި ދުވަހު މިފްކޯއިން މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަންވަނީ ފަށާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް