ކުންފުނިތަކުން ދަޢުލަތަށް ލިބެންޖެހޭ ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި
ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދޭންޖެހޭ ފައިސާ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފީތަކާ އަޅައިކަނޑާލެވޭނެ އިންތިޒާމު މާލީ ވުޒާރާއިން ހަމަޖައްސައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ ލިބޭނެ އިންތިޒާމު މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭ އުސޫލު މީރާއިން މިހާރު ވަނީ އާންމުކޮށްފައެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނީ ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއެއް ހުރި ނަމަ، އެ ފައިސާ މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކަނޑައިދިނުމަށް އެދި މިހާރު ހުށަހެޅޭނެ ކަމަށެވެ. މި އިންތިޒާމުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ، އެ ފަރާތްތަކުން މީރާއަށް ދައްކަންޖެހޭ ޓެކުހާ އަޅައިކަނޑާލެވޭނެއެވެ.
މިގޮތުން އަޅައިކަނޑާލާއިރު، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ދޭންޖެހޭ އަދަދަށްވުރެ ބޮޑުނަމަ، ބާކީވާ ބައި އެ ފަރާތަކުން މީރާއަށް ދައްކަން ޖެހޭނެއެވެ. އަދި ސަރުކާރުން ދޭންޖެހޭ އަދަދު ޓެކްސް ފައިސާއަށްވުރެ ގިނަނަމަ، ޓެކްސް ކަނޑާލުމަށް ފަހު ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅަންޖެހެނީ މީރާކަނެކްޓް މެދުވެރިކޮށް ނުވަތަ އެކަމަށް ޚާއްސަ ފޯމަކުންނެވެ. މިގޮތަށް ހުށަހަޅާއިރު ލިބެންޖެހޭ ފައިސާގެ ތަފްސީލު ހުށަހަޅަން ޖެހޭނެއެވެ. ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާގެ ސައްހަކަން ފައިނޭންސް މިނިސްޓްރީން ކަށަވަރުކުރާއިރު، ސަރުކާރު ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއްނަމަ އެކަން ކަށަވަރުކުރާނީ އެ ކުންފުންޏަކުންނެވެ.
އުސޫލުގައިވާ ގޮތުން، ފައިސާ އަޅައިކަނޑައިދޭނީ ނުދައްކާ ހުރި ޕްރިންސިޕަލް އަދަދާއި، ޖޫރިމަނާ އަދި އިންޓްރެސްޓަށް އިސްކަންދީގެންނެވެ. އަދި މިގޮތަށް އަޅައިކަނޑައިދޭނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން އެ ފައިސާ މީރާއަށް ޖަމާކުރުމުންނެވެ. ފައިސާ ދެއްކި ތާރީޚު ކަމަށް ބަލާނީ މީރާއަށް އެ ފައިސާ ލިބުނު ތާރީޚެވެ.



ކޮމެންޓް