Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބީއެމްއެލްއަށް 29 މިލިއަން ޑޮލަރު ނުދެއްކުމުން ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ހުއްދަ ދީފި

ބޭންކް އޮފް މޯލްޑިވްސްއިން ނެގި 29 މިލިއަން ޑޮލަރުގެ ލޯނަކަށް ފައިސާ ނުދައްކާތީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ކުންފުންޏަކުން ރަހުނުކުރި ތިން ރަށެއް ވިއްކާލަން…

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ)

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނެގި 29 މިލިއަން ޑޮލަރުގެ ލޯނަކަށް ފައިސާ ނުދައްކައިގެން، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ރަހުނު ކުރައްވާފައިވާ ތިން ރަށެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފިއެވެ.

މޫސާ މަނިކުގެ ހެވީ ލޯޑް މޯލްޑިވްސްގެ އިތުރުން އޭނާގެ ދަރިކަލުން މުދުރިކަތު މޫސާ އާއި ދަރިކަނބަލުން ބުޝައިނަތު މޫސާގެ ނަމުގައި ރަހުނުކޮށްފައިވާ މި ރަށްތައް ވިއްކާލަން ހުއްދަ ދިނީ މިދިޔަ އޮކްޓޯބަރު މަހުގެ 28ވަނަ ދުވަހު ނެރުނު އަމުރެއްގައެވެ. މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. ފަރެހާއި އެ ރަށުގައި ތަރައްގީކުރާ ރިސޯޓުގެ އިތުރުން ލ. ބޮޑުހުރާ އަދި ލ. ކުޑަފަހަރެހުގެ ހެޑްލީސް ރައިޓްސްއެވެ.

ސިވިލް ކޯޓުން މި ހުއްދަ ދިނީ 2020ވަނަ އަހަރުގެ ޖުލައި މަހު އެ ދަރަނި ދެއްކުމަށް ކުރި ހުކުމާ އެއްގޮތަށް ހެވީ ލޯޑުން ފައިސާ ދައްކާފައިނުވާތީއެވެ. ކޯޓު އަމުރުގައިވާ ގޮތުން ނުދައްކާ އޮތް ފައިސާގެ ޖުމްލަ އަދަދަކީ 29.5 މިލިއަން ޑޮލަރެވެ. މި މުދާ ވިއްކާލުމަށް ބޭންކުން އެދުމުން، ރަހުނު ކުރި ފަރާތްތަކުން އެކަމަށް އިއުތިރާޒުކޮށްފައެއް ނުވެއެވެ.

ގާޒީ ރިޒްމީނާ އިދުރީސް ނެރުއްވި އަމުރުގައިވާ ގޮތުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މި ރަހުނުތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބެއެވެ. އެގޮތުން ފުރަތަމަ މަހު 46.6 މިލިއަން ޑޮލަރަށް، ދެވަނަ މަހު 40.8 މިލިއަން ޑޮލަރަށް އަދި ފުރަތަމަ ދެ މަހު ނުވިއްކިއްޖެ ނަމަ ތިންވަނަ މަހު 38.7 މިލިއަން ޑޮލަރަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެއެވެ.

މި މުއްދަތުގެ ތެރޭގައި ރަށްތައް ވިއްކާލެވިއްޖެ ނަމަ، އެކަން ކޯޓަށް އަންގައި، 10 ދުވަހުގެ ތެރޭގައި ލިބޭ ފައިސާ ކޯޓަށް ޖަމާކުރަން ޖެހެއެވެ. އަދި އެ މުއްދަތުގައި ނުވިއްކިއްޖެ ނަމަވެސް، މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް