ޤައުމެއްގެ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އެ ޤައުމެއްގެ ރައްޔިތުން: ނައިބު ރައީސް
ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރު ކޮންމެ ޤައުމަކަށް އޮންނަންވާނެ ކަމަށާއި، ރާއްޖެއިން 2040 އަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތް ނައިބު ރައީސް ހިއްސާކުރެއްވިއެވެ.

ޤައުމެއްގެ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އެ ޤައުމެއްގެ ރައްޔިތުންކަމަށާއި ކޮންމެ ޤައުމަކަށް ވެސް އެ ޤައުމެއްގެ ތަރައްޤީގެ މިސްރާބު އަމިއްލައަށް ކަނޑައެޅުމުގެ ބާރު އޮންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކާއި ޑިޖިޓަލް ކުރިއެރުންތަކާ ގުޅިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި ތަޖުރިބާ ހިއްސާކުރުމާއި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްބާރުލުން އިތުރުކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކަށް އަލިއަޅުއްވާލައްވަމުން، 2040ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތް ނައިބު ރައީސް ހިއްސާކުރެއްވިއެވެ. މީގެ އިތުރުން 2030އަށް ޑިޖިޓަލް އިޤްތިޞާދު ޖީޑީޕީގެ 15 އިންސައްތައަށް ބޮޑުކުރުމަށާއި، 2028އާ ހަމައަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މި ލަނޑުދަނޑިތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށާއި، މީގެ އެންމެ ބޮޑު ބާރަކީ ޒުވާނުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ޒުވާނުންނަށް ބޭނުންވާ ހުނަރާއި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ތަރައްޤީގެ މި އަމާޒަށް ވާސިލުވުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދުނިޔޭގެ ސަޕްލައި ޗޭނަށް އަންނަ ބަދަލުތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވާ ހުރަސްތަކަށް ވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. މިފަދަ ގޮންޖެހުންތަކުން އަރައިގަތުމުގައި ކޮމަންވެލްތު ފަދަ ޖަމާޢަތްތަކުން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްދައުރެއް އަދާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


-1793808498597%20(1).webp)

ކޮމެންޓް