އިޙްތިރާމް މަޝްރޫޢުގެ ލޯގޯ ހޮވަން، ގަދަ 5 ލޯގޯއަށް ވޯޓުގެ ފުރުސަތު ހުޅުވާލައިފި
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަށް ހުށަހެޅި ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ލޯގޯއަށް ވޯޓު ދިނުމުގެ ފުރުސަތު މިމަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ފަސް ލޯގޯއަށް ވޯޓު ދިނުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢަށް ލޯގޯއެއް ފަރުމާކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 14ވަނަ ދުވަހު ހުޅުވާލުމުން 22 ފަރާތަކުން ލޯގޯ ހުށަހެޅިއެވެ. ފަނޑިޔާރުންގެ އިވެލުއޭޝަނަށް ފަހު ޝޯޓްލިސްޓް ކުރި 10 ލޯގޯއަށް ވޯޓު ދިނުމުގެ ފުރުސަތު ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށް މިދިޔަ މަހުގެ 16އިން 29އަށް ވަނީ ހުޅުވާލާފައެވެ.
މިހާރު ޝޯޓްލިސްޓްކޮށްފައިވާ ގަދަ ފަސް ލޯގޯއަކީ ފަނޑިޔާރުންގެ މާކްސާއި އާންމުންގެ ވޯޓުން އެންމެ ކުރި ހޯދި ފަސް ފަރުމާއެވެ. މި ފަސް ލޯގޯގެ ތެރެއިން އެންމެ ކަމުދާ ލޯގޯއަކަށް ވޯޓު ދިނުމުގެ ސުންގަޑިއަކީ މި މަހުގެ 11 ވާ ބުދަ ދުވަހުގެ އިރުއޮއްސި 18:00އެވެ.
މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާން ކުރާނީ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކުރުމަށް މި މަހުގެ 14ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60,000 ރުފިޔާ ދިނުމަށް ފަންނާއި ސަޤާފަތާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.
ދިވެހިންގެ ތެރޭގައި އޮތް އިޙްތިރާމް ކުރުމުގެ ރީތި އާދަ އަލުން ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މި މަޝްރޫޢު ހިންގަނީ ފަންނާއި ސަޤާފަތާ ބެހޭ ވުޒާރާއާއި ޕީއެސްއެމް ގުޅިގެންނެވެ. މި މަޝްރޫޢު ވިލަރެސް ކުރަނީ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަކުންނެވެ.





ކޮމެންޓް