އޭ އެކުވެރިޔާއެވެ. ހިތްހެޔޮ ކުރައްޗެވެ. މާދަމާ ވެސް އަހަރެން މަރުވެދާނެއެވެ.
ދިރިއުޅުމުގައި އެކި ކަންކަމާ ކުރިމަތިލާން ޖެހެއެވެ. އަޑިގަނޑުތަކާއި، އުސްގަނޑުތައް އާދެއެވެ. ދެމީހުން ދެމެދު އެކި ކަހަލަ މައްސަލަތައް ޖެހެއެވެ. ގުޅުން ކެނޑި އެކަކު އަނެކަކު މަގުމަތިން ފެނުނު ކަމުގައި ވީނަމަވެސް ފެންނަ ކަމަށް ވެސް ނުހަދާ މީހުން އުޅެއެވެ.
އެހެންނަމަވެސް އެރުޅިވެރިކަން މަތީގައި އެންމެ ދުވަހެއް ވެސް ދުއްވާ ނުލާށެވެ. އެހެނީ ޖެހިގެން އަންނަ ދުވަހަކީ ތިބާ އަނެކާގެ ކިބައިން މަޢާފަށް އެދުމުގެ ފުރުސަތު ވެސް ނުލިބިދާނެ ދުވަހެކެވެ. އަނެކާގެ މައްޗަށް ހިތް ބުރަކޮށް ހުއްޓާ އަނެކާ މިދުނިޔެ ދޫކޮށް އަލްވަދާއު ކީ ޚަބަރު ތިބާއަށް ލިބުމުން ތިބާ ދެރަނުވާނެ ހެއްޔެވެ؟
މިހާރު ދެމީހުން ރުޅި ހަދައިގެން ވާހަކަ ނުދައްކާ ހުއްޓަސް އެއް އިރެއްގައި ދެމީހުންނަކީ އެއްކޮށް އެތައް ވަގުތެއް ހޭދަކޮށް، އެތައް ހަނދާންތަކެއް އެކުލެވިގެންވާ ދެމީހުން ނޫންހެއްޔެވެ؟ އެދުވަހުން ކުއްލިއަކަށް ތިބާގެ އެކުވެރިޔާ ތިބާ ދޫކޮށް ދިޔަ ޚަބަރު ލިބުމުން ތިބާ އެކަމާ ހިތާމަ ކުރިނަމަވެސް، އޭނާގެ ކިބައިން ތިބާ މަޢާފަށް އެދުމުގެ ފުރުސަތެއް ނޯންނާނެއެވެ. ވަގުތު ފާއިތު ވާނެއެވެ.
މާޒީގައި ދެމީހުން ހޭދަކުރި ވަގުތުތަކުގެ ހަނދާންތައް އާވާނެއެވެ. ދެކެވުނުހާ ވާހަކަތައް ބޮލު ތެރޭގައި އެނބުރެން ފަށާނެއެވެ. ދެމީހުން އެއްކޮށް ނަގައިފައިވާ ތަސްވީރުތައް ބަލައި، ތިބާ ކަރުނަ އަޅާނެއެވެ. އެހެނަސް އެމަންޒަރު ދެކެން އެދުވަހުން އަނެކާއެއް ނުހުންނާނެއެވެ. އެދުވަހުން ތިބާއާއި އަނެކާގެ ދެމެދު ޖެހުނު މައްސަލަ ހައްލު ކުރެވުނު ނަމައޭ ހިތަށް ވެސް އަރާނެއެވެ. އެހެންނަމަވެސް “ނަމަ އަކުން ކެއްކޭނެ ރިހައެއް އަދި ގަރުދިޔައެއް” ވެސް ނޯންނާނެއެވެ.
އެކުވެރީންނެވެ. ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހިފައިވާނަމަ ވީހާ ވެސް އަވަހަށް އެ މައްސަލައެއް ހައްލު ކުރާށެވެ. ދެމީހުން ވާހަކަދައްކައިގެން ކުށް ކުރެވުނީ ކާކަށްތޯ ބަލައި އަދި ކުށް ކުރެވުނު މީހާ އަނެކާގެ ކިބައިން މަޢާފަށް އެދޭށެވެ. ހަގީގީ ރަހުމަތްތެރިންނަކީ އެއީއެވެ. ކަންކަން ފަހަށް ދޫކޮށްލައިފިނަމަ ވަގުތު ފާއިތުވެދާނެއެވެ.