އައްޑޫ ކްލަސްޓާ: 341 ޑައިރެކްޓު ކޮންޓެކްޓުން، 172 ގެ ކަރަންޓީނަށް
އައްޑޫއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިގެން 341 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި މި ކޭސްތަކާ ގުޅިގެން 172 ގެ ކަރަންޓީނަށް ލާފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަަކޮށްފިއެވެ.
ގަމުގައި ބޭއްވި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ޓްރެއިނިންއަށް ދިޔަ މީހުންނާ ގުޅުން ހުރި ކްލަސްޓާއިން ކޮވިޑް-19 އަށް ފައްސިވި މީހުންނާ އެކު، އެކްލަސްްޓާއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރާފައެވެ. މީގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
އެކްލަސްޓާއާ ގުޅުން ހުރި މީހުން ހިތަދޫގެ އިތުރުން، ފޭދޫ އަދި މަރަދޫ ފޭދޫ އަދި ގދ. ތިނަދޫން ވެސް މިހާތަނަށް އައި އިރު ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.
އެއީ އައްޑޫ އިން ފެނުނު 29 ކޭސް އާއި ތިނަދޫން ކޮވިޑް-19 އަށް ފައްސިވި ތިން މީހުން ހިމަނައިގެންނެވެ.
ހިތަދޫގައި މިވަގުތު ދެ ކްލަސްޓާއެއް އޮތް އިރު، ހުޅުމީދޫގައި ވެސް ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. ހުޅުމީދޫގައި ހުންނަ އެމްޓީސީސީ ސައިޓެއްގައި ކޮވިޑް ފެތުރި، ބަލި ޖެހުނު ބިދޭސީންގެ އަދަދު މިހާރު ވަނީ 26 އަށް އަރައިފައެވެ.