ފުވައްމުލަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތަށް ނެރުނު އެންގުމުގެ މުއްދަތު އިތުރުކޮށްފި

ފުވައްމުލަކު ސިޓީގައި ކޮވިޑް-19 ފެތުރެމުން ގޮސް ހާލަތު ގޯސްވަމުން ދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން އެންގި އެންގުމުގެ މުއްދަތު އިތުުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އެ ސިޓީ ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ އެ ސިޓީގައި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު މަޣްރިބް ނަމާދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ މަޣްރިބް ނަމާދުގެ ނިޔަލަށް، އެ ސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ދަންނަވާ ކަމަށެވެ.
މިނިސްޓްރީން ވަނީ މި ހާލަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރި ވެފައެވެ.
މީގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި، ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި ފުރިހަމައަށް ﷲއަށް ވަކީލުކޮށް އުޅުމަށް ވެސް ވަނީ ނަސޭހަތްތެރި ވެފައެވެ.