ފުވައްމުލަކުން އިތުރު ފަސް މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެ

ފުވައްމުލަކު ސިޓީން އިތުރު 5 މީހަކު ކޮވިޑް-19އަށް ފައްސިވެ އެސިޓީން ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.
ފުވައްމުލަކު އިމަރޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލްގެ ސީނިއާރ ކޮމިއުނިޓީ ހެލްތު ވޯކަރ އައިމިނަތު އަހްމަދު ވިދާޅުވީ އެ ސިޓީގައި ކޮވިޑް-19ގެ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވީ މީހުންގެ ތެރެއިން ނެގި ސާމްޕަލްތަކުން 5 މީހަކު މިއަދު ފައްސިވެފައިވާ ކަމަށް ވެސް އައިމިނަތު ވިދާޅުވިއެވެ.
މީގެ އިތުރުން 3976 ސާމްޕަލް އެސިޓީން މިއަދު ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 660 ސާމްޕަލް އަކީ ޑައިރެކްޓް ކޮންޓެކްޓުވީ މީހުންގެ ސާމްޕަލް ކަމަށް ވެސް އައިމިނަތު ވިދާޅުވިއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުގެ ތެރޭގައި ހައިރިސްކު އަދި ބަލީގެ އަލާމާތްތައް ހުރި 12 މީހެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެސިޓީގައި މިހާރު ކޮވިޑަށް ފައްސިވެފައި 25 މީހުން އެބަތިބި ކަމަށާއި އެސިޓީން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމުލަ އަދަދު 30 އަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ 30 މީހުންގެ ތެރެއިން 5 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.