ދީން

އިމްތިހާނުތަކުގައި މަކަރު ހެދުން، ދީނީ ނަޒަރަކުން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސްކޫލް ދައުރުގައި އަދި އޭގެ ފަހުގައި ޔުނިވާސިޓީ މަރުހަލާގައި ވެސް އިމްތިހާނު ތަކުގައި ބައެއް ފަހަރަށް ދަރިވަރުން މަކަރު ހަދާ މަންޒަރު ފެނެއެވެ. މަކަރު ހަދާ ކޮންމެ ފަަހަރަކު އެކަން މުދައްްރިސަށް ނޭނގިފައި އޮވެދާނެއެވެ. ނަމަވެސް ތިމާއަށް މި ކުރެވޭ ކަމަކީ ބޮޑު އޮޅުވާލުމެެއްކަން އަހަރެމެން އަމިއްލައަށް ދަންނަން ވާނެއެވެ. މުދައްރިސަށް ވަގަށް އިމްތިހާނުގައި މަކަރު ހެދުނަސް ހުރިހާ ކަމެއް ވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވާކަން ވިސްނާލަން ވާނެއެވެ.

Ads by Hajj Corporation

އިމްތިހާނުތަކުގައި މަކަރު ހަދައިގެން، ދަސްވެނިވެ ބައެއް ފަހަރަށް މީހުން ބޮޑެތި މަގާމުތައް ވެސް ލިބިފައި އެބަހުއްޓެވެ. އެހެން ނަމަވެސް އޭނާއަށް އެ މަގާމު އެލިބުނީ އޭނާ ރަނގަޅު ގޮތުގައި ހޯދާފައިވާ ސެޓްފިކެޓެއް ބޭނުން ކޮށްގެންތޯ އެންމެ ފަހަރަކު ނަމަވެސް ވިސްނާލީ ކާކު ބާވައެވެ. މިއީ ވަރަށް ކުދިކުދި ކަންކަންކަމުގައި ހީކުރެވިފައި އޮތް ނަަމަވެސް މިއީ ހަގީގަތުގައި ވިސްނާ ފިކުރުކުރަން ޖެހޭ ކަންކަމެވެ.

އިމްތިޙާނުތަކުގައި (ޓެސްޓުތަކުގައި) މަކަރު ހެދުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ މުންކަރާތެއް ވެސް މެއެވެ. އެއީ އެކިއެކި މުޢާމަލާތު ކުރުމުގައި މަކަރާއި ޙީލަތް ހެދުން ފަދަ ކަމެކެވެ. އަދި ބައެއް ފަހަރު މުޢާމަލާތް ކުރުމުގައި މަކަރުހެދުމަށް ވުރެވެ ސް ނުބައިކަމަކަށް އެކަން ވެދާނެއެވެ. އެއީ އިމްތިޙާނުގައި މަކަރު ހަދައި ފާސްވެ ބޮޑު ވަޒީފާއެއް ވެސް ލިބިދާނެއެވެ

އެހެންކަމުން އެއްވެސް މާއްދާއެއްގެ އިމްތިޙާނެއްގައި މަކަރު ހެދުން ޙަރާމެވެ. ނަބިއްޔާ ﷺ ގެ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ.

«وَمَنْ غَشَّنَا فَلَيْسَ مِنَّا» [رواه مسلم برقم: 164 – (101)]

މާނައީ: “އަހަރުމެންނަށް މަކަރު ހަދައިފި މީހަކީ އަހަރުމެންގެ ތެރެއިންވާ މީހެއް ނޫނެވެ.”

އެހެނީ އެއީ ޚިޔާނާތެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّـهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ﴾ [سورة الأنفال 27]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!”

އެހެންކަމުން ކިޔަވާ ކުދިންނަށް ވާޖިބުވެގެން ވަނީ އެއްވެސް މާއްދާއެއްގައި މަކަރު ނުހެދުމެވެ. އަދި ގަދައަށް މަސައްކަތްކޮށް (ޓެސްޓުތަކަށް) ރަނގަޅަށް ތައްޔާރު ވުމެވެ. އޭރުން އިމްތިޙާނުތަކުގައި ރަނގަޅަށް ފާސް ވާނެއެވެ.

މަކަރު ނުހަދާ ޓެސްޓު ހަދާ މީހާއަކީ ރަނގަޅަށް ކަންކުރާ މީހެކެވެ. ބައެއް މާއްދާތައް ރިޕީޓުކުރަން ޖެހުނަސް ތިބާގެ މައްޗަށް އޮތީ ރަނގަޅަށް މަސައްކަތްކޮށް ހެޔޮގޮތުގައި ކުރިއަށް ދިޔުމެވެ.

ފަހެ ޙައްޤަށް ތަބާވުން މާ އައުލާކަން ބޮޑެވެ. އަދި ހެޔޮކަން ލިބޭނެކަމުގެ އުފާތެރި ޚަބަރު ލިބިގަންނާށެވެ. އަދި ހެޔޮ ނިމުންވެސް އެފަދަ މީހުންނަށް ހުށްޓެވެ.

ތެދުވެރިކަމާއެކު ތައްޔާރުވެ މަސައްކަތް ކުރަންޏާ ތިބާގެ ކަންތައްތައް ﷲ ތަޢާލާ ފަސޭހަ ކޮށްދެއްވާނެއެވެ.

﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا [٢] وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ …﴾ [سورة الطلاق 2 – 3]

މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އެއިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެއެވެ. [2] އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެއިލާހު އޭނާއަށް ރިޒްޤު ދެއްވާނެއެވެ. …”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا﴾ [سورة الطلاق 4]

މާނައީ: “އަދި ﷲ އަށް ތަޤުވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެއިލާހު އޭނާއަށް ފަސޭހަކަން ލައްވާނެއެވެ.”

އަދިވެސް ވަޙީކުރެއްވިއެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا إِن تَتَّقُوا اللَّـهَ يَجْعَل لَّكُمْ فُرْقَانًا﴾ [سورة الأنفال 29]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާނަމަ، ތިޔަބައިމީހުންނަށް ޙައްޤާއި ބާޠިލު ވަކިކުރާނެ މަގު، އެއިލާހު ދައްކަވާނެއެވެ.”

އިމްތިހާނުތަކުގައި މަކަރު ހެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަން އެނގި ސާބިތުވާން އެބައޮތެވެ. އަދި އަމިއްލައަށް ވިސްނާލި ނަމަވެސް އިމްތިހާނުތަކުގައި މަކަރު ހަދައިގެން ވާނެ ފައިދާއެއް ނޯންނާނެކަން އެނގި ހާމަވެގެން ދާނެއެވެ. އެހެނީ ތިބާއަށް ސެޓްފިކެޓެއް ލިބުނު ނަމަވެސް ތިބާއަށް އޭގެން އިލްމެއް ވެސް ހިލްމެއް ވެސް ނުލިބޭނެތީއެވެ. ކިޔަވަންވީ އިލްމު އުނގެނުމަށެވެ. ސެޓްފިކެޓެއް ހާސިލް ކުރާކަށް ނޫނެވެ.

މަސްދަރު: ދި ސަލަފިއްޔާ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!