އަމިއްލަ ތަންތަނުގެ ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ދެނީ
އަމިއްލަ ކުދި ވިޔަފާރިތަކާއި ކުންފުނިތަކުގެ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ރަޖިސްޓާ ވާން ހުޅުވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ހިންގާ އެކި ވިޔަފާރިތަކާއި ކުންފުނިތަކުން ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް ފްރޮންޓްލައިން ވެކްސިނަށް ރަޖިސްޓާވާން އެދޭ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އެފަރާތްތަކުގެ ދާއިރާއާ ގުޅޭ އޮތޯރިޓީތަކާ ގުޅައިގެން ގްރޫޕް ގޮތަށް ވެކްސިން ޖަހަން އެޕޮއިންމެންޓް ހެއްދުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
ވެކްސިން ޖަހަން ބޭނުންވާ މާލޭގެ ކެފޭ އަދި ރެސްޓޯރެންޓް، ފިހާރަތައް އަދި އަމިއްލަ ކުންފުނިތަކުގެ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީއަށް އެންގުމަށާއި އަދި ކުޅިވަރު ކްލަބްތަކާއި އެންޖީއޯތައް ޔޫތު މިނިސްޓްރީއަށް އެންގުމަށް ވެސް އެޗްޕީއޭއިން އެދިފައި ވެއެވެ.
މީގެއިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ފަރާތްތަކުން ފިޝަރީސް މިނިސްޓްރީއަށް އަދި ފަތުރުވެރިންގެ ސިނާއަތާ ގުޅޭ ފަރާތްތަކުން ޓޫރިޒަމް މިނިސްޓްރީއަށް އެންގުމަށް ވެސް ބުނެފައިވެއެވެ.
ހުޅުމާލޭގައި ހިންގާ ވިޔަފާރިތަކާއި ރެސްޓޯރެންޓްތަކާއި ކެފޭ އަދި ފިހާރަތަކުގައި މަސައްކަތްކުރާ މަގަތު ސަފުގެ މުވައްޒަފުންނަށް ވެކްސިން ޖަހަން އެޗްޑީސީއަށް އެންގުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.