ރިޕޯޓް

މާލޭގައި ކުލި ދެއްކެން ނެތިގެން ރަށަަށް ދާން ބޭނުންވެފަ: ކައުންސިލުން ބުނަނީ "ހާލުބަލާ ޕޯޓަލް" އަށް ނުވަދެވޭ ކަމަށް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ހާލަތު ޖެހުމުން، އެންމެ ބޮޑަށް ދަތިކަން ފޯރި އެއްބަޔަކީ މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ އަތޮޅުތެރޭގެ ރައްޔިތުންނެވެ.

Ads by Hajj Corporation

އެފަދައިން ޙާލުގައިޖެހި، އަމިއްލަ ރަށް ކަމުގައިވާ ލ. ފޮނަދޫ އަށް ދާން ބޭނުންވެފައިތިބި ދެމަފިރިއަކު، އެމީހުންގެ ކަންބޮޑުވުން ވަނީ މިއަދު ފާޅު ކޮށްފައެވެ.

ނަން ހާމަ ނުކޮށް "ދެން" އަށް މައުލޫމާތު ދެމުން، އޭގެތެރެއިން އަނބިމީހާ ބުނީ މާލޭގައި ދިރިއުޅެނީ ފިރިމީހާއާއެކު ކަމަށާއި ނަމަވެސް ފަހުން ފިރިމީހާ ވަނީ ވަޒީފާއިން ވަކި ކޮށްފައި ކަމަށެވެ.

"ޖޫން މަހުން ފެށިގެން އަހަރެންގެ މުސާރަ ވެސް ހުރީ ދަށް ކޮށްފަ. ކުރިން 10،000 ރުފިޔާ ލިބުންއިރު، މިހާރު ލިބެނީ 5،000 ނުވަތަ 6،000 ވަރު. އެހެންވެ މާލޭގައި އުޅެވެން ނެތީ. އެހެންވެ ރަށަށް ދާން ވެގެން މިދިޔަ މަހު 23 ގައި ކައުންސިލަރުން އިންނަ ފޯމު ފުރީ. ފޯމު ފުރާ ހުރިހާ ކަމެއް ނިންމާފައިންދާ ބަދަލުވީ 'ހާލު ބެލުން' ފޯމަކަށް. އެއީ 25 ޖޫން ގައި. ދެން 26 ޖޫން ގައި އެފޯމުވެސް ފުރިން. އެފޯމު ފުރާފައި އެޗްޕީއޭ އަށް ގުޅިން ތަންކޮޅެއް އަވަސް ކޮށްދޭށޭ ކިޔާފަ" އޭނާ ކިޔައިދިނެވެ.

އެޗްޕީއޭ އިން އަބަދުވެސް ބުނަނީ "އޮން-ގޮއިންގް" ކަމަށާއި ކުރިން ދުވަހެއްގައި އެޗްޕީއޭ އިން ގުޅުމުން ހާލަތު ހުރި ގޮތް ވެސް ކިޔައިދިން ކަމަށް އޭނާ ބުންޏެވެ.

ރަށްރަށަށްދާ މީހުންނަށް "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ދޭނީ އެމީހަކު ދާ ރަށެއްގެ ކައުންސިލުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑރ. ނަޒްލާ ރަފީގު ރޭގެ ޕްރެސް ކޮންފަރެންސް ގައި ވަނީ ވިދާޅުވެފައެވެ.

މިމަސް ނިމުމުގެ ކުރިން މާލޭގައި ކުއްޔަށް ދިރިއުޅޭ ގެއިން ވެސް ނިކުންނަން ޖެހިފައި ހުރުމުން، އަވަސްކޮށް ރަށަށް ފޮނުވާލަދޭން މިދެމަފިރިން ވެސް އެދުނެވެ. އަދި އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭނެ ކަމަށް އެޗްޕީއޭ އިން ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

"ކައުންސިލަރަށް ވެސް ގުޅަން ކޮންމެ ދުވަހަކު. އެމީހުން ބުނަނީ އެމީހުންނަށް ނުއެއް ވަދެވެއޭ އެޕޯޓަލް އަކަށް. އެމީހުންނަކަށް ނޭނގެއޭ ރިކުއެސްޓް ކޮށްފަ އިންނަކަމެއް ވެސް. މިހާރު ކައުންސިލުން ހުއްދަ ދޭ ގޮތަށް ބަދަލު ކޮށްފަ އިނީމަ މިއަދު ވެސް ގުޅިން. އެމީހުން ބުނަނީ އަދިވެސް އެމީހުންނަށް އެއަށް ނުވަދެވޭ ކަމަށް. އެޗްޕީއޭ އިން ބުނަނީ ވަދެވޭނޭ އެޗްޕީއޭ އިން މިހާރު ކުރާނެ ކަމެއް ނެތޭ، ހުރިހާ ބާރެއް އޮތީ ކައުންސިލަރު އަތުގައޭ. ކައުންސިލަރަށް ގުޅީމަ ބުނަނީ އެމީހުންނަކަށް ނޭނގެއޭ ވާނުވާއެއް ވެސް، ކަންތައް ކުރަންވީ ގޮތެއް ވެސް. އެހެން ބުނެފަ މޫނު މައްޗަށް ފޯނު ކަނޑާލަނީ" އަސަރާއެކު އޭނަ ކިޔައިދިނެވެ.

މިއީ ވަރަށް ވެސް ހިތާމަވެރި ކަމެކެވެ. ވަޒީފާގެ ދަތިކަން ވެސް ފޯރާފައި، މާލީ ދަތިކަން ފޯރުމުން، އަމިއްލަ ރަށަށް ވީއެންމެ އަވަހަކަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެފުރުސަތު ސަރުކާރުން އަވަސް ގޮތެއްގައި ފަހި ކޮށްދޭން ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!