ސްޓެލްކޯ އިން ވަޒީފާގެ ދަތިކަމާ ކުރިމަތިވި އެތައް ޒުވާނެއްގެ ދިރިއުޅުން އުޖާލާ ކޮށްދީފި!
ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ވަޒީފާގެ ދަތިކަންކަމާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ތައުލީމީ ގޮތުން ހާސިލްވެފައިވާ މިންވަރަށް ބަލައި ވަޒީފާއެއް ހޯދުމުގައި ބައެއް ފަހަރު ދަތިތަކަކާ ބައެއް ފަހަރު ކުރިމަތިވެއެވެ. އަދި ވަޒީފާއެއް ލިބުނު ނަމަވެސް ދިރިއުޅުމުގެ ހާލަތާއި ޚަރަދުބަރަދު ހުންނަ ގޮތަކުން، ލިބޭ އުޖޫރައިގެ ސަބަބުން އަނގަޔާއި އަތާ ދިމާނުވާ ފަހަރުތައް ވެސް ވަރަށް ގިނައެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިވަނީ އެފަދައިން ވަޒީފާގެ ދަތިކަމާ ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ވަރަށް ފުރިހަމަ މަޝްރޫޢުއެއް ފަށާފައެވެ. އެގޮތުން ސްޓެލްކޯއިން ވަނީ މިނިވަން މަސައްކަތްތެރީން ގެ ގޮތުގައި އެކުންފުނީގެ އެކިކަހަލަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާނެ ފުރުސަތު ހުޅުވާލާފައެވެ.
ހަމައެކަނި ދިވެހިންނަށް ޚާއްސަ ކޮށްގެން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުޅުވާލި މިފުރުސަތުގައި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ ދިވެހިންނަށް ކުރިމަތިލެވެއެވެ.
މިނިވަން މަސައްކަތްތެރިންނާ ގުޅޭގޮތުން ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުޖުތަބާ އަލީ ވިދާޅުވީ މިއީ ދާއިމީ ވަޒީފާއެއް ނޫން ކަމަށާއި އެހެން ނަމަވެސް ކޮންމެ ދުވަހަކު ވެސް އައިސް މަސައްކަތް ކޮށްލާފައި އާމްދަނީ ލިބޭ ކަހަލަ ގޮތަކަށް އޮތް ވަޒީފާއެއް ކަމަށެވެ.
"މިކަން ކުރަން ބޭނުންވި މައިގަނޑު ސަބަބަކީ، މިކުންފުނީގައި ވަރަށް ބައިވަރު ޕްރޮޖެކްޓުތަކާ މަސައްކަތްތައް ހުރުމުން، ކޮންޓްރެކްޓަރުންނަށް މަސައްކަތް ދޭން ޖެހޭ. އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކޮންޓެކްޓަރުން ބޭރު ފަރާތްތަކަށް އެމަސައްކަތް ކުރަން ދޭކަން. ދިވެހި ކޮންޓެކްޓަރުން ވިޔަސް މަސައްކަތް ހަވާލު ކުރަނީ ބޭރު މީހުންނާ. އަޅުގަނޑުމެން ބޭނުންވޭ މަސައްކަތްތައް ކުރާއިރު ވަކި ސްޓޭންޑަޑެއް ހުންނަން. އެހެންކަމުން އަޅުގަނޑުމެން ނިންމީ ސްޓެލްކޯގެ ފަރާތުން އެފަދަ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދިވެހިންނަށް ދިނުމަށް، އެއީ ސުޕަވައިޒަރުންގެ ގޮތުގައި ސްޓެލްކޯ ހުރެގެން" މުޖުތަބާ ވިދާޅުވިއެވެ.
"މިނިވަން މަސައްކަތްތެރިންނަށް އެއްވެސް މަޖުބޫރީ ކަމެއް ނޯންނާނެ. އެމީހުން ބޭނުން ގަޑިއަކު ބޭނުން ދުވަހަކު މަސައްކަތު ނުކުންނަންވީ. ނާދެވޭނެ ދުވަހަކު ސުޕަވައިޒަރުންނަށް އަންގާލާނީ. ކޮންމެ ދުވަހަކުވެސް އިންނާނެ 7 ގަޑިއިރު މަސައްކަތު ގަޑިއަކަށް. ނަމަވެސް އެ 7 ގަޑިއިރު ވެސް ފުރިހަމަ ކުރުން މަޖުބޫރެއް ނޫން އެއްވެސް މީހަކަށް"
މިމަސައްކަތްތައް ކުރާ ދިވެހީންނަށް މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 425 ރުފިޔާ ލިބެއެވެ. ވަޒީފާ ލިބުމުގެ ދަތިކަން ހުރި ޒުވާނުންނަށް ސްޓެލްކޯއިން ހުޅުވާލި މިފުރުސަތުގައި، މިނިވަން މަސައްކަތްތެރިން ހޮވުމުގައި ބަލާފައިވަނީ މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކަކީ އަސާސީ ތަޢުލީމު ހުރި ފަރާތްތަކެއްތޯ އާއި ފިޒިކަލީ ފިޓް މީހުންތޯއެވެ.
މިނިވަން މަސައްކަތްތެރިންނަށް އުޖޫރަ ދެނީ ކޮންމެ ދެ ހަފްތާއިން އެއް ހަފްތާއަކުއެވެ.
މަސައްކަތްތެރިންގެ ދުލުން، ސްޓެލްކޯއަށް ޝުކުރާ ސެލިއުޓް!
ސްޓެލްކޯގެ މިނިވަން މަސައްކަތްތެރީންގެ ތެރެއިން ބައެއް ފަރާތްތަކާ މިއަދު ބައްދަލުކޮށް ވާހަކަ ދައްކާލުމުގެ ފުރުސަތު މިއަދު ވަނީ ނޫސްވެރިންނަށް ވެސް ލިބިފައެވެ.
އެގޮތުން ފުރަތަމަ ވާހަކަ ދައްކާލެވުނީ އުމުރުން 35 އަހަރުގެ ޙުސެއިން މަފާޒް އާއެވެ.
އަޅުގަނޑުމެންނަށް މަފާޒް ފެނުނުއިރު އޭނާ ހުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ސްޓެލްކޯގެ މުވައްޒަފުންނަށް ލިބިފައިވާ ފްލެޓު ކައިރީގައި، ކޮނެފައިވާ ވަޅުގަނޑެއްގެ ތެރޭގައެވެ. އެއީ ކޭބަލް އެޅުމަށްޓަކައި ކޮނެފައިވާ ވަޅުގަނޑެއްކަމަށް ސްޓެލްކޯއިން ނޫސްވެރިންނަށް މައުލޫމާތު ދިނެވެ. މަފާޒް ވެސް ބުނީ ކޯރު ކެނޑުމާ، ކޭބަލް ދެމުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މަފާޒް މިމަސައްކަތުގައި އުޅޭތާ އަދިވީ 15 ވަރަކަށް ދުވަހެވެ.
"ހަމަ އެއްވެސް ކަހަލަ މަސައްކަތެއް ނެތިފައި ހުއްޓާ މިކަހަލަ ފުރުސަތެއް ލިބުނީ. އަޅުގަނޑުގެ ހާލަތު ހަމަ ވަރަށް ދަށްކޮށް ހުއްޓާ ކުއްލިއަކަށް ސްޓެލްކޯއިން މިފަދަ ފުރުސަތެއް ހުޅުވާލީ. އަޅުގަނޑުގެ މާލީ ހާލަތު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވެއްޖެ. ކުރިއަށް އޮތްތަނުގައި ވެސް ރަނގަޅުވާނެ ކަމަށް މިބަލަނީ." މަފާޒް ބުންޏެވެ.
ކުރިން ގޭގައި ފިހާރައެއް ހުޅުވައިގެން އުޅުނު މަފާޒް، މިހާރު އުޅެނީ ސްޓެލްކޯގައި މިނިވަން މަސައްކަތްތެރިއެއްގެ ގޮތުގައެވެ. ދެ ދަރިންނާއެކު މާލޭގައި ކުއްޔަށް އުޅޭ މަފާޒްގެ ހާލަތު، ކުޑަ ދުވަސްކޮޅެއް ތެރޭގައި މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށް އޭނާ ވެސް ޤަބޫލު ކުރެއެވެ.
"މަސައްކަތެއް ނެތިފައި ތިބި ކުދިންވެސް ހަމަ އައިސް ޖޮއިން ކޮށްލާށޭ އަޅުގަނޑު ބުނާނީ. މިއީ ހަމަ ވަރަށް ރަނގަޅު މަސައްކަތްތަކެކޭ. މިއީ އެއްވެސް ވަރަކަށް ލަދުގަންނަން ޖެހޭވަރު ކަމެއް ނޫން." މަފާޒް ބުންޏެވެ.
"މިކުންފުންޏަކީ ކޮވިޑާ ގުޅިގެން ވެސް އެހީތެރިވެދޭން ތައްޔާރަށް އޮތް ކުންފުންޏެއް. އަޅުގަނޑުމެންނާ ދޭތެރޭ ސްޓެލްކޯއިން ކަންތައް ކުރަނީ ވަރަށް އެކުވެރިކޮށް، ވަރަށް ރަނގަޅަށް. ޔުނީފޯމްލީ މުވައްޒަފެއް، އަޅުގަނޑުމެންނެއް ތަފާތު ކުރުމެއްނެތި ހަމަ އައިސް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ވެސް ބައިވެރިވޭ. ވަރަށް ހިތްހަމަޖެހޭ އަޅުގަނޑު. މިފުރުސަތުގައި ސްޓެލްކޯގެ ހުރިހާ އިސްވެރިންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު އަދާ ކުރަން"
މި ފުރުސަތުގެ ބޭނުން ހިފާ މަސައްކަތް ކުރާ މަސައްކަތްތެރިއެއް ކަމަށްވާ މުޙައްމަދު ވަޙީދު ވެސް ވަނީ މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދެންއާ ހިއްސާ ކޮށްފައެވެ.
ވަހީދު ބުނީ ސްޓެލްކޯއިން މިފުރުސަތު ޒުވާނުންނަށް ހުޅުވާލަދިނީތީ، އެކުންފުނީގެ އިސްވެރިންނަށް ސެލިއުޓް ކުރާ ކަމަށެވެ. މިއީ ޒުވާނުން ކުޑަކުޑަ ހިތްވަރެއް ލައިގެންވެސް ކުރެވޭނެފަދަ މަސައްކަތެއް ކަމަށް ވަހީދު ބުންޏެވެ.
"ޤައުމުގެ ޙާލަތަށް މިވަރުގެ ބޮޑު ބަދަލެއް އައިސް، ވަރަށް ގިނަ ޒުވާނުންގެ ވަޒީފާ ވެސް ވަނީ ގެއްލިފައި. އޭގެ ތެރެއިން އެކަކު އަޅުގަނޑަކީ ވެސް. އެހެންކަމުން ސްޓެލްކޯއިން މިހުޅުވާލީ ރަނުގެ ފުރުސަތެއް." ވަހީދު ބުންޏެވެ.
ވަހީދު ބުނި ގޮތުގައި، ހައިމާކަކާ ނުލާ އޭނާއާއި އިތުރު ހަ މީހަކު ވަނީ އެންމެ ތިން ދުވަހުން، މަގުގެ އެއްކޮޅުން އަނެއްކޮޅަށް ކޯރެއް ކޮނެ ނިންމާލާފައެވެ.
"އަޅުގަނޑަކީ ކުރިން އެމްޕީއެލް ސަރަޙައްދުގައި މަސައްކަތްކުރި މީހެއް. އެތަނުގައި މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑްގެ ހާލަތާ ގުޅިގެން އަޅުގަނޑުގެ ދިރިއުޅުން ދިޔައީ ސުމަކަށް ވެއްޓިގެން. ތިން ކުދިންނާ އަނތްބަކާ ގޮވައިގެން، ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ސްޓެލްކޯއިން މިފުރުސަތު ދިނުމާއެކީގައި މަޑުމަޑުން ދިރިއުޅުން ކުރިއަރަމުން މިދަނީ." ވަހީދު ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނިގޮތުގައި މިހާރު އޭނާއަށް އާމްދަނީއެއްގެ ގޮތުގައި މަހެއްގެ މައްޗަށް އޭނާއަށް 14،000 ވަރަކަށް ރުފިޔާ އޭނާއަށް ލިބެއެވެ.
"ވާނޭ، އަދިވެސް ވާނޭ، ޒުވާނުންނަށް ކުރެވޭނޭ، ކުރަން ހިތްވަރު ކޮށްލާށޭ"
ޤައުމުގައި ވަޒީފާގެ ދަތިކަން ފޯރާފައިވާ ޒުވާނުންނަށް ވަހީދު ވެސް ގޮވާލާފައި ވަނީ ލަދުން ނުތިބެ، ފަސް ނުޖެހި، މިމަސައްކަތްތައް ކުރަން ކުރިމަތިލުމަށެވެ.
ސްޓެލްކޯގެ މިނިވަން މަސައްކަތްތެރީންގެ ތެރެއިން އެންމެ ފަހު މީހަކަށް އަޅުގަނޑުމެން ބައްދަލުކޮށްލީ އުމުރުން 22 އަަހަރުގެ ޙުސެއިން ޝާޙް އާއެވެ. އޭނާ މިމަސައްކަތަށް ނުކުތްތާ އަދި އެންމެ ދެ ދުވަސްވީ ނަމަވެސް އޭނާވެސް ސިފަކުރީ މިއީ ވަރަށް ފަސޭހަ، އަދި ކޮންމެ މީހަކަށްވެސް ކުރެވިދާނެ މަސައްކަތެއްގެ ގޮތުގައެވެ.
"ކުރީގައި އެއްވެސް މަސައްކަތެއް ނުލިބިގެން އުޅުނީ. ވަރަށް އުނދަގުލުން އުޅުނީ. މިވަޒީފާ ހުޅުވާލީމަ ވަރަށް އުފާވެއްޖެ. އަދި ހަމަ ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ދަނީ." ޝާހު ބުންޏެވެ.
ސްޓެލްކޯއިން ހުރިހާ މަސައްކަތްތެރިންގެ ބެލެހެއްޓުން ވެސް ހަމަ ވަރަށް ބަރާބަރު ކަމުގައި ޝާޙް ބުންޏެވެ. އަދި އެއްވެސް ކަމަކަށް ދަތިވޭތޯ ސުޕަވައިޒަރުން ބަލާކަމަށް ވެސް ޝާޙް ބުންޏެވެ.
ޝާހު ވަނީ ސްޓެލްކޯއިން އޭނާއަށް ދިން މި ފުރުސަތުގައި، އޭނާގެ އެއް ދުވަހުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ވެސް ހިއްސާ ކޮށްފައެވެ.
"ފުރަތަމަ މިކޮޅަށް އަންނައިރުގައި ހުންނާނީ 8:30 ހާއިރު ވެފަ. މިކޮޅަށް އައިސް އެންމެން އެއްކޮށް މަޝްވަރާ ކުރަނީ އެދުވަހުގައި ހުރީ ކޮން މަސައްކަތްތަކެއްތޯ. ދެން ޓީމުތައް ބަހާލަނީ. ކޮންމެ ޓީމަކަށް ވެސް ސުޕަވައިޒަރެއް ވެސް ހުންނާނެ. ސުޕަވައިޒަރު ހުރިހާ މަސައްކަތްތަށް ބަލާއިރު، އެންމެން އެއްކޮށް ހުރިހާ މަސައްކަތެއް، ވަރަށް އެއްބައިވަންތަކަމާއެކީގަ ނިންމަނީ." ޝާޙް ބުންޏެވެ.
ޝާހު ބުނި ގޮތުގައި ކޮންސްޓްރަކްޝަންގެ މިފަދަ މަސައްކަތްތަކަކީ ދިވެހީންނަށް ވެސް ކުރެވޭނެ މަސައްކަތްތަކެކެވެ. ބޭނުންވަނީ ހިތްވަރާއި މިފަދަ މަސައްކަތް ކުރަން ކެރުން ކަމުގައި ވެސް ޝާހު ބުންޏެވެ.
"އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން. މިމަސައްކަތް ޒުވާނުންނަށް ނުކުރެވޭހާ ބުރައެއް ވެސް ނޫން. މިއީ އެހާ އުނދަގޫ ކަމެއް ނޫން" ޝާހް ބުންޏެވެ.
"ބައެއް ޒުވާނުންނަށް ހީވަނީ މިއީ ވަރަށް ދަށް ވަޒީފާއެކޭ. އެހެންވެ ނުކެރެނީ ކަންނޭނގެ ނުކުންނަން. އަސްލު ދަށް ވަޒީފާއެއް ނޫން މިއީ. އަޅުގަނޑު ޒުވާނުންނަށް ބުނަން އޮތީ ލަދު ނުގަންނާށޭ، ކެރިގެން ކުރިމަތިލާ، މިފުރުސަތުގެ ބޭނުން ހިފާށޭ"
ޝާހު ވެސް ބުނީ ސްޓެލްކޯގެ މީހުން ވަރަށް ރަނގަޅު ކަމަށާއި މިއީ އެކުންފުނީގެ ފަރާތުން ދިން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ.
ވަޒީފާގެ ދަތިކަން ފޯރާފައިވާ ޒުވާނުންނަށް ސްޓެލްކޯއިން އަދިވެސް މިފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެކުންފުނިން އެދެނީ، ރައްޔިތުން މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ލަސްނުކޮށް ހިފުމަށެވެ.