މޮރޮކޯ އަންހެން ކުދިންނާ ކައިވެނި ކުރަން ބޭނުންވެގެން މަބްރޫކަށް 80 މިސް ކޯލް

މޮރޮކޯއިން ކައިވެނިކުރަން އަންހެން ކުދިން ގެނެސްދޭނެ ކަމަށް ބުނެ ފޭސްބުކްގައި ދައުރުވަމުން ދިޔަ ފޭސްބުކް ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްގެ ނަންބަރު ޖަހާފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކު މަބްރޫކަށް ގުޅައިފިއެވެ.
އޮންލައިން ނޫސް "މިހާރު" އަށް މަބްރޫކު ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެކަމުގެ ރޭ އޭނާއަށް 80 އަށް ވުރެ ގިނަ މިސްކޯލް ލިބުނު ކަމަށާއި އެންމެ ފަހުން އޭނާ ޖެހުނީ ފޯނު ނިވާލަން ކަމަށެވެ.
މަބްރޫކު ވިދާޅުވީ މިއީ ބަޔަކު ސަމާސާއަކަށް ކުރި ކަމެއް ނަމަވެސް މިއީ މިއަށް ވުރެ ސީރިއަސް މައްސަލައެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެސް އެތައް ބަޔަކު ޝިކާރައަކަށް ވާ ހިއުމަން ޓްރެފިކިންގެ ކުށުގައި މިހާރަށް ވުރެން ބޮޑަށް ދިވެހިން ހޭލުންތެރިވާން ޖެހޭ ކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.
އަދި ޖޯކަކަށް ހަދައިގެން ކޮންމެ ބަޔަކު ކޮށްފައި އޮތަސް އޭނާއަށް އެކަން ބަލައިނުގެންނެވޭނެ ކަމަށާއި ދުނިޔޭގައި ވެސް ހިއުމަން ޓްރެކިންގެ އަމަލުތައް ފުޅާވެ ސީރިއަސް ވަމުން އަންނައިރު މިފަދަ ކަންކަމުގައި ޖޯކު ޖެހުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމުގައި މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކުގެ އިތުރުން ރައީސް އޮފީހުގެ އިތުރު މުވައްޒަފެއްގެ ނަންބަރު ވެސް އޭގައި ޖަހާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ޕޯސްޓުގައި ދެން ޖަހާފައިވަނީ ރައީސް އޮފީހުގެ ސިޔާސީ މުވައްޒަފެއް ކަމުގައިވާ މުހައްމަދު ޝުރެއިހުގެ ނަންބަރެވެ. އެކަމާ ގުޅިގެން ރޭ އޭނާ ޓްވީޓެއް ވެސް ކުރެއްވިއެވެ.
ރޭ މީސްމީޑިއާގައި ދައުރުވި ޕޯސްޓުގައި 2،500 ޑޮލަރު ނުވަތަ 43،700ރ. އަށް މޮރޮކޯ އަންހެނުން ހޯދައިދޭނެ ކަމަށާއި އެ ޕެކޭޖުގެ ދަށުން ލިބޭ ހިދުމަތްތައް ވެސް ފާހަގަ ކޮށްފައި ހުރިއެވެ.
ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި ރާއްޖެ ފާހަގަވެފައި އޮތްއިރު، ވަޒީފާގެ ނަމުގައި އޮޅުވާލައިގެން ބިދޭސީން ރާއްޖެ ގެނައުމަކީ ބޮޑުވެފައިވާ މައްސަލައެކެވެ.