ވޭމަންޑުއަށް ކަރަންޓު ދީފި

ތ.ވޭމަންޑޫ އިންޖީނު ގޭގައި ބުދަ ދުވަހު ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އިންޖީނުތައް އަނދައިގެން ދިއުމުން އެރަށުން ކަރަންޓު ކެނޑިފައި އޮތުމަށްފަހު އެރަށަށް ކަރަންޓު ދީފިއެވެ.
ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހް "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށަށް ކަރަންޓު ލިބިފައިވަނީ މިރޭ ގާތްގަނޑަކަށް 11:50 ހާއިރު ކަމަށެވެ. އަދި ކަރަންޓު ދިނީ ކައިރި ރަށްރަށުން ބޭނުން ކޮށްފައި ހުރި ޖަނަރޭޓަރުތައް ގެނެސްގެން ވަގުތީ ގޮތުން ކަމަށާއި މާދަމާ އައު ޖަނަރޭޓަރުތައް ރަށަށް ގެންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ވޭމަންޑުއަށް ކަރަންޓު ދީފައިވަނީ ބުދަ ދުވަހު މެންދުރު ފަހުން ފެށިގެން އެރަށަށް ކަރަންޓު ފޯރު ކޮށްދިނުމަށް ފެނަކައިގެ މުވައްޒަފުން މެދު ނުކެނޑި މަސައްކަތް ކޮށްގެންނެވެ. އަދި މި މަސައްކަތުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސަޢީދު ވެސް އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.