ޖަސްޓިސް ފޯރ ސަވައިވާރސް: ހިއްސާ ކޮށްދެނީ ޖިންސީ ގޯނާގެ އެތައް ވާހަކަތަކެއް
ޖިންސީ ގޯނާ އާ ރޭޕް ފަދަ ވާހަކަތަކަކީ ދޭތެރެ ދޭތެރެއިންގެ ވަރަށް ގަދައަށް ދެކެވޭ ވާހަކަތަކެކެވެ. އަނެއްކާ ވެސް މިވާހަކަތައް މިވަނީ އަޑުގަދަވެފައެވެ. އެތައް ކުދިންނެއް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާއިރު، މިކަން ދިވެހިންގެ ތެރޭގައި ހިނގާތާ ވެސް ޒަމާންތަކެއް ވެއްޖެއެވެ
ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެ ވާހަކަތައް ޖެހެނީ ސިއްރު ކުރާށެވެ. ބައެއް ފަހަރަށް އާއިލާގެ އަގު ވައްޓާލަން ބޭނުން ނުވާތީ އެވެ. ނުވަތަ އެވާހަކަ ތައް ދައްކައިފި ނަމަ ތިމާގެ އަގު ވެއްޓޭނެ ކަމުގެ ބިރު އޮންނާތީއެވެ. މުޖުތަމައުން ތިމާޔާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވެދާނެތީއެވެ. ނުވަތަ އެކި ކަހަލަ ބިރު ދައްކާ އެ ކުދިންގެ އަނގަ ބަންދު ކޮށްލަނީ އެވެ.
ނަމަވެސް ދާދި ފަހަކުން ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ރޭޕް ކުރި މައްސަލަ އާއި މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮއެއް ރޭޕް ކުރި މައްސަލަ މިވަނީ މީސްމީޑިޔާގެ ތެރޭގައި ވަރަށް ހޫނު ވެފައެވެ. އެތައް ބަޔަކު ރޭޕް އާ ދެކޮޅަށް މީސްމީޑިޔާގައި އަޑު އުފުލަމުން ދާއިރު ބައެއް ފަރާތް ތަކުން ދަނީ އެމީހުންނަށް ދިމާވެފައިވާ ވާހަކަ ތައް މީސްމީޑިޔާގައި ހިއްސާ ކުރަމުންނެވެ.
އެތައް ބަޔަކު ރޭޕްއާ ދެކޮޅަށް ވަކާލާތު ކުރަމުން ދާއިރު އައްޑޫގެ ޒުވާނުން ކޮޅެއް އިސްނަގައިގެން މިވަނީ ފޭސްބުކްގައި "ޖަސްޓިސް ފޯރ ސަވައިވާރސް" ގެ ނަމުގައި ގްރޫޕެއް ހަދާފައެވެ. މި ގްރޫޕްގެ ސަބަބުން އެތައް ދުވަހެއް ކުރިން ފަސްއަޅައި ފޮރުވައިފައިވާ އެތައް ވާހަކަ ތަކެއް ކިޔައިދިނުމުގެ ހިތްވަރު ވަނީ ގިނަ ބަޔަކަށް ލިބިފައެވެ. ހިތުގައި އެތައް ދުވަހެއް ވަންދެން ހިފަހައްޓައިގެން އުޅުނު ވާހަކަ ތައް ހިއްސާކޮށްލުމަށް އެކުދިންނަށް މި ޒުވާނުން މިވަނީ ފުރުސަތު ތަނަވަސް ކޮށްދީފައެވެ.
މި ގްރޫޕަށް ކާކުކަން ނޭނގޭ ގޮތަށް ވާހަކަ ތައް ހިއްސާ ކުރެވޭ ގޮތްވަނީ ހަމަޖެހިފައެވެ. އެގޮތުން ގޫގަލް ފޯރމްސް ބޭނުންކޮށްގެން މި ގްރޫޕަށް އެމީހަކަށް ދިމާވެފައިވާ ވާހަކަތައް ހިއްސާ ކުރުމުން މި ގްރޫޕްގެ އެޑްމިން ޓީމުން މި ގްރޫޕްގައި އެ ވާހަކަ ތައް ހިއްސާ ކުރެއެވެ.
މި ގްރޫޕް ހެދުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތެއް ކަމަށް ވާ އައުސަމް އަލީ ބުނީ އޭނާ އަކީ އޭނާގެ ރައްޓެހިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށާއި އަދި އޭނާގެ ބައެއް ރައްޓެހިންނަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ރައްޓެހިން ކަމަށެވެ. އަދި ޓީވީ ތަކުންނާއި ހަބަރު ތަކުންވެސް އަޑު އިވެމުންދަނީ އެފަދަ ވާހަކަ ތައް ކަމަށާއި އެހެންކަމުން އޭނާ އާ އޭނާގެ ރައްޓެހިން ނިންމީ ޖިންސީ ގޯނާ އާ ދެކޮޅަށް ތެދުވުމަށް ކަމުގައި އައުސަމް ބުންޏެވެ. އަދި ބޭނުމަކަށް ވީ ޖިންސީ ގޯނާޔާ ދެކޮޅަށް އަޑު އުފުލުމަށް އެންމެނަށް ވެސް ހިތްވަރު ދިނުން ކަމުގައި އައުސަމް މައުލޫމާތު ދިނެވެ.
މި ގްރޫޕްގައި މިހާރު 5000 އަށް ވުރެ ގިނަ މެމްބަރުން އުޅޭއިރު ދުވަހުން ދުވަހަށް މި ގްރޫޕްގެ މެމްބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. ދެން އާ ވާހަކަ ދައްކަމުން އައުސަމް އިތުރަށް ބުނީ މި ފުރުސަތުގައި އޭނާގެ ހުރިހާ ރައްޓެހިންނަށް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށެވެ.އޭނާގެ ގިނަ ރަހުމަތްތެރިންނަކީ 19 އަހަރުން ދަށުގެ ކުދިން ކަން ފާހަގަ ކުރަމުން އައުސަމް ބުނީ ރޭޕްއާ ޖިންސީ ގޯނާ އާ ދެކޮޅަށް އެކުދިން އަޑު އުފުލާ އިރު ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އެކަން ވާން ޖެހޭނެ ކަމަށެވެ.
ކޮންމެއަކަސް މި ގްރޫޕްގެ ސަބަބުން އެތައް ބަޔަކު މިއޮއްހާ ދުވަހު ނުދައްކާ ހުރި އެތައް ވާހަކައެއް ދެއްކުމުގެ ހިތްވަރު ލިބިއްޖެއެވެ. އަދި އެ ވާހަކަ ތައް ހިއްސާ ކޮށްލެވުމުން އެކުދިންގެ ހިތަށް ތަސައްލީއެއް ލިބޭނެ ކަންވެސް ގައިމެވެ.
ދެން ގެ ފަރާތުން މި ގްރޫޕްގެ އެޑްމިން ޓީމަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަމެވެ. އަދި ކުރިއަށް އޮތްތަނުގައި ކާމިޔާބަށް އެދެމެވެ.