ރިޕޯޓް

އަވައްޓެރިއެއްގެ ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ ދިވެހި ފިރިހެން ކުއްޖެއްގެ ވާހަކަ

ދެން އެމްވީ ، ދެން އޮންލައިން

ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އަޑު އިވިފައި އޮންނަނީ އަންހެން ކުދިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވާ ވާހަކަ ތަކެވެ. އަދި ފިރިހެން ކުދިން ޖިންސީގޯނާގެ ޝިކާރައަށް ވުމަކީ ވަރަށް ގިނަ ބަޔަކު އެކަމަކާ އަހުލުވެރިވެފައި ނުވާ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް މިފަދަ ކަންކަން ހިނގާކަމީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ހިތި ހަގީގަތެވެ.

Ads by Sosun Fihaara

މި ވާހަކަ ލިޔަން ފެށުމުގެ ކުރިން ބުނެލަން ބޭނުންވާ ދެތިން ވާހަކަ އެއް އެބައޮތެވެ. މިފަދަ ވާހަކަތައް ހިއްސާ ކުރުމުގެ މަގުސަދަކީ އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރޭގައި މިފަދަ ކަންކަމާމެދު ހޭލުންތެރިކަން އުފެއްދުމެވެ. އަދި ހަމަ އެހެންމެ އެމީހަކަށް ދިމާވެފައިވާ މިފަދަ ވާހަކަތައް ހިއްސާ ކުރުމަށް ގިނަ ބަޔަކަށް ހިތްވަރު ދިނުމެވެ. އަދި ރޭޕް އާ ދެކޮޅަށް އަޅުގަނޑުމެން އެންމެން އެކައްޗެއް ކިޔާ އަޑު އުފުލުމެވެ.

މިވާހަކަ އަކީ ދިވެހި ފިރިހެން ކުއްޖަކު ކިޔާދީފައިވާ ވާހަކަ އެކެވެ. ކުއްޖާގެ ރައްކާތެރިކަމަށް ޓަކައި "ދެން" ގެ ފަރާތުން ކުއްޖާގެ ނަމާއި އިތުރު މައުލޫމާތު މި ލިޔުމުގައި ނުހިމަނާނެ އެވެ.

" އަހަރެންނަކީ ފިރިހެން ކުއްޖެކެވެ. އަހަރެންނަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް މީގެ ކުރިން ވެފައިވާ ކުއްޖަކީމެވެ. އަހަރެން ޖިންސީ ގނާގެ ޝިކާރައަކަށް ވީ އަހަރެންގެ އުމުރުން އެންމެ 14 އަހަރުގައެވެ. ގިނަ ފަހަރަށް ފިރިހެން ކުދިންނަށް ދިމާވެފައިވާ މިފަދަ ހާދިސާތައް ހިއްސާ ނުކުރާކަން ވެސް އަހަރެންނަށް އިނގެއެވެ. ދުނިޔޭގެ ލަދަށް ޓަކައި ނުކެރެނީއެވެ. ނަމަވެސް އަހަރެން މި ވާހަކަ ކިޔައިދިނުމުން އަހަރެން ފަދަ އެތައް ކުދިންނަކަށް އެކުދިންގެ ވާހަކަ ހިއްސާ ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް އަހަރެން ހީކުރަމެވ.

އަހަރެން ޖިންސީ ގޯނާގެ ޝިކާރައަކަށް ވީ އަހަރެންގެ އަވައްޓެރިއެއްގެ ފަރާތުންނެވެ. އެދުވަސް ތައް އިއްޔެ ވީ ކަމެއްހެން އަހަރެންގެ ސިކުނޑީގައި ހަރުލާފައި ވެއެވެ. އެއީ ވެސް އާދައިގެ މަތިން އަހަރެން އިޝާ ނަމާދަށް ދިއުމަށް ހިނގާފައި ދިޔަ ރެއެކެވެ. އަހަރެން ހިނގާފައި ދިޔައީ އަނދިރި މަގަކުންނެވެ. އެއްވެސް އަލިކަމެއް ނެތް އެ މަގުން އަހަރެން މަޑުމަޑުން ހިނގާފައި ދިޔައީ މިސްކިތާ ދިމާލަށެވެ. އަހަރެން މިސްކިތާ ގާތް ގަނޑަކަށް އަރާ ހަމަވިތަނާ އަހަރެންގެ އަވައްޓެރި ފިރިހެން މީހާއަށް އަހަރެން ފެނުނެވެ.

އަހަރެން ފެނުމުން އޭނާ އަހަރެންނާ ދިމާލަށް އައިސް އަހަރެންގެ ގާތުގައި މަޑުކޮށްލިއެވެ. އަދި އަހަރެންނާ ވާހަކަ ދައްކަން ފެށިއެވެ. އެންމެ ފުރަތަމަ އޭނާ އެއްވެސް ކަހަލަ ހުތުރު ވާހަކައެއް ނުދައްކައެވެ. އާދައިގެ ވާހަކަ ދައްކަމުން ގޮސް އޭނާގެ ވާހަކައިގެ މިސްރާބު މަޑުމަޑުން ބަދަލު ވާން ފެށިއެވެ. އެގޮތުން އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތޯ އޭނާ ސުވާލު ކުރިއެވެ. އަހަރެން ޖަވާބުގައި ނޫނެކޭ ބުނުމުން އޭނާ އަހަރެންނާ އަނެއްކާވެސް އިތުރަށް ސުވާލުތައް ކުރަން ފެށިއެވެ.

އަހަރެން އަމިއްލައަށް ޖިންސީ އެދުން ފުއްދަންތޯ އޭނާ އަހަރެންނާ ސުވާލު ކުރިއެވެ. އަދި އަހަރެންނަށް އެކަންކަން ކުރާ ގޮތް އިނގޭތޯ އޭނާ ސުވާލު ކުރިއެވެ. އަހަރެންނަށް ތަފާތު އުނދަގޫ ތަކެއް ވާން ފެށިއެވެ. އެވާހަކަ ތައް އަޑު އެހުން ވީ ފަސޭހަ ކަމަކަށް ނޫނެވެ. އެހެން ކަމުން އަހަރެން ނަމާދުކުރަން ޖެހޭ ކަމަށް ބުނެ އަހަރެން ދާން އުޅުނީމެވެ. ނަމަވެސް އޭނާ ހުއްޓާނެ ހެއްޔެވެ؟ އަހަރެން ދާން އުޅެން ފެށުމުންވެސް އަހަރެންގެ ކުރިމައްޗަށް އަރައި އިތުރަށް އަހަރެންނާ އެވާހަކަ ދެއްކުމަށް އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

އަހަރެންގެ ގާތުގައި އޭނާ އެކި ސުވާލު ކުރަމުން ފިރިހެނަކާއެކު ޖިންސީ ގުޅުމެއް ހިންގިންތޯ ސުވާލު ކުރިއެވެ. އެހެން ފިރިހެނެއްގެ ޖިންސީ ގުނަވަނުގައި އަތްލާ ކަމެއް ކޮށްފައިވާނެތޯ ސުވާލު ކުރިއެވެ. އަހަރެން ޖަވާބުގައި ނޫނެކޭ ބުނުމުން އޭނާ އެކަން "ޓްރައި" ކޮށްލަން ހިނގާށޭ ބުނެ އަހަރެންގެ އަތުގައި ހިފާ ކައިރީގައި އޮތް އަނދިރި ތަނަކަށް ގެންދިޔައެވެ. ބޯކޮށް ވިނަ ހެދިފައިވާ އެތަނަށް އަހަރެން ގެންދިއުމަށް ފަހު އަހަރެން ގާތުގައި ޖިންސު ބޭލުމަށް އޭނާ ބުންޏެވެ. އަހަރެންނަށް އޭނާ އެހެން ބުނުމުން އެކަމާ ދެކޮޅު ހެދުމުގެ އެއްވެސް ހިތްވަރެއް ނުލިބުނެވެ. އޭނާ އަހަރެންގެ ކުރިމަތި ފަރާތުގައި އަތްލިއެވެ. އަހަރެން އެތަނުގައި ހުރީ އެހީއަކަށް ބޭނުންވެފައިވާ ހާލު ގޮތް ހުސްވެފައެވެ.

އަހަރެން އޭނާ ގާތުގައި މީހަކަށް އެމަންޒަރު ފެނިދާނެ ކަމަށާއި އަދި އެގޮތަށް ކަންތައް ނުކުރުމަށް އެދި އާދޭސް ކުރީމެވެ. ނަމަވެސް އޭނާގެ ހިތަށް ކުޑަ ނަމަވެސް އެއްޗެއް ނާރައެވެ. އޭނާ އަހަރެންގެ ކުރިމަތި ފަރާތުގައި އަތްލައި ހަދަމުން ދިޔައިރު އޭނާ ދިޔައީ އަމިއްލައަށް ޖިންސީ އެދުން ފުއްދަމުންނެވެ. އޭނާ ކުރަން ބޭނުންވާ ކަންތައް ފުރިހަމަވުމުން އޭނާ އަހަރެން އަހަރެން ބެހެއްޓުމަށް ފަހު އެތަނުން ދިޔައެވެ.

މިކަމަކީ ކުޑަކުޑަ ކަމެއްކަމުގައި ބަޔަކަށް ހީވެދާނެއެވެ. ނަމަވެސް އަހަރެންނަށް އެމީހާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ސިފަވަނީ އެ މަންޒަރު ތަކެވެ. އަހަރެންގެ ހިތުގައި އުފެދެނީ ބުނެދޭން ވެސް ނޭނގޭ ފަދަ ބިރުވެރި ކަމެކެވެ. ނަމަވެސް މި ވާހަކަ އަކީ މިއަދާ ހަމައަށް ވެސް އަހަރެންނަށް އެކަކު ކައިރީގައި ވެސް ހިއްސާ ކުރަން ނުކެރިފައިވާ ވާހަކަ އެކެވެ."

މިއީ ދިވެހި ފިރިހެން ކުއްޖަކަށް ދިމާވެފައިވާ ހާދިސާ އެކެވެ. މިފަދަ ކަންކަމާ ދިމާވެފައިވާ ކިތައްކިތައް ކުދިން އަދިވެސް އުޅޭނެ ހެއްޔެވެ. އެންމެ ރެޔަކު ހިނގާ މިފަދަ ކަމެއްގެ ސަބަބުންވެސް ކުއްޖެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތައް އަންނަ ފަހަރު އާދެއެވެ. ނަފްސާނީ އެތައް މައްސަލަ އަކާ އެކުދިންނަށް ކުރިމަތިވާ ތަން ފެނެއެވެ.

މިފަދަ ކަންކަމާ މެދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު ހޭލުންތެރިވުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!