ރިޕޯޓް

"އަހަރެން ރޭޕްކޮށްލީ އޮންލައިން ގޭމެއްގެ ޖާދޫގައި ޖައްސާފައި"

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މިހާރަކަށް އެންމެ ގަދައަށް ދެކެވެނީ ރޭޕް ކުރުމުގެ ވާހަކަ ތަކެވެ. ނަމަވެސް މިފަދަ ހާދިސާއެއް ދިމާ ވެފައިވާ މީހަކަށްވެސް އަޑު އުފުލާލާ އެއްޗެކޭ ބުނެވެނީ އެ ކަހަލަ ހާދިސާއެއް އަނެކާއަށް ދިމާވެ ރިޕޯޓް ކުރުމުންނެވެ. އެފަދަ ވާހަކަތައް މީހަކާ ހިއްސާ ކުރަން ޖެހިލުންވެފައި ހުންނަނީ ވެސް އަނެކާ ތިމާ އާއި ދޭތެރޭ ދެކޭނެ ގޮތް ނޭނގޭތީއެވެ. ނުވަތަ ތިމާގެ ވާހަކަތަށް ފެތުރި ތިމާގެ ނަން ހަޑި ވެދާނެތީއެވެ.

Ads by STELCO

ނަމަވެސް މި ފަހަރުގެ ވާހަކަ މި އޮތީ 11 އަހަރުގެ ފިރިހެން ކުއްޖެކު ރޭޕް ކޮއްލި މައްސަލައެވެ. ކުއްޖާގެ ރައްކާތެރި ކަމަށްޓަކައި ކުއްޖާގެ ނަމާއި އިތުރު އެއްވެސް ތަފްސީލެއް ހިމަނާފައެއް ނުވާނެއެވެ.

މި ހާދިސާ ހިނގާފައިވަނީ އަޅުގަނޑުގެ އުމުރުން 11 އަހަރުގައެވެ. އަޅުގަނޑު އާންމުކޮށް ބޮޑުބޭބެ އާއިއެކު "ޖީޓީއޭ ސަން އެންޑްރިއަސް" ކިޔާ އޮންލައިން ގޭމް އެއް ކުޅެ މަޖާކޮށް ހަދަމެވެ. އަހަރެންނާއެކު ބޭބެ މަޖާ ކުރާތީ އަހަރެން އެކަން މާ ބޮޑު ކަމަކަށް ނުހަދަމެވެ.

ނަމަވެސް އަޅުގަނޑު އެއް ދުވަހު ގޭމް ކުޅެން އިންދާ ބޮޑުބޭބެ އައިސް އަޅުގަނޑު ކައިރީ އިށީނީ އެއްވެސް އެއްޗެއް ނުލައެވެ. އަޅުގަނޑު އެކަންތައް އެހާ ބޮޑު ކަމަކަށް ނުހަދާ އިނދެވުނީ ގޭމް ކުޅެން ވެގެންނެވެ. އެއަށްފަހު ބޮޑުބޭބެ އަޅުގަނޑުގެ އަތް ނެގުމަށް ފަހު ބޮޑުބޭބެގެ ލަދުވެތި ގުނަވަނުގައި އަތް ބޭއްވިއެވެ. އަޅުގަނޑަށް ލިބުނު ކުއްލި "ޝޮކް" އަކާއެކު އަތް ފޮޅާލުމުން ބޮޑުބޭބެ ބުނީ އަޅުގަނޑުގެ އެއްޗެހި ބޭލުމަށެވެ. އަދި އަޅުގަނޑު ބޮޑުބޭބެ ބުނި ގޮތާ ދެކޮޅު ހަދަން ފެށުމުން އަޅުގަނޑަށް އޭނާ ބިރު ދެއްކީ އަޅުގަނޑު ނުކުރާ ކަމެއްގެ ވާހަކަ އަޅުގަނޑު މައިންބަފައިން ކައިރީގައި ބުނާނެ ކަމަށް ބުނެއެވެ. މައިންބަފައިން ކައިރީ އަޅުގަނޑު އެހެން ފިރިހެން ކުދިންނާއެކީ ބަދްއަޙްލާގީ އަމަލު ހިންގާ ކަމުގެ ވާހަކަތައް ދައްކާނެ ކަމަށް ބުނެ އަޅުގަނޑަށް ބިރު ދެއްކިއެވެ.

އަޅުގަނޑަކީ ހަޔާތުގައިވެސް އެކަހަލަ ކަމެއް ކުރި ކުއްޖެއް ނޫން ނަމަވެސް އަޅުގަނޑުގެ މައިންބަފައިން ގަބޫލް ކުރާނީ އަޅުގަނޑުގެ ބޮޑުބޭބެ ދައްކާ ވާހަކަތައް ކަމަށް ވުމާއިއެކު އަޅުގަނޑަކަށް އިތުރަކަށް ބަހެއް ބުނާކަށް ނުކެރުނެވެ. އަޅުގަނޑުގެ ނުރުހުމުގައި ގަދަކަމުން އަޅުގަނޑާއެކީ ގުޅުން ހިންގެމުގެ ސަބަބުން އަޅުގަނޑު ޖެހުނީ ބޮޑެތި އަނިޔާތަކާ ކުރިމަތިލާށެވެ. އަޅުގަނޑަށް މި ކަމުން ސަލާމަތް ވެވޭނެ ގޮތެއް ނެތި ގޮތް ހުސްވިއެވެ. ތިން މަސް ވަންދެން ހުއްޓުމެއްނެތި އަޅުގަނޑު މި ބިރުވެރި ކަމާއި ވޭނުގައި އުޅެންޖެހުނެވެ. ކޮންމެ ދުވަހެއްމެ އެކަންތައް ދިޔައީ ތަކުރާރު ވަމުންނެވެ. ބޮޑުބޭބެ ވަޒީފާއެއް ލިބި ބޮޑުބޭބެ ދާން ޖެހުމުން މިކަންތައް ހުއްޓި އަޅުގަނޑަށް ކުޑަނަމަވެސް ހަމަ ޖެހުމެއް ލިބުނެވެ.

މީހުން ބުނާ ގޮތުގައި އަޅުގަނޑު އެ ދުވަހު އަމިއްލަ އަށް އެ ނުބައި އަމަލު ހުއްޓުވިނަމަ އަޅުގަނޑު މިއަދު އެ ބިރުވެރި ކަމެގައި އުޅޭކަށް ނުޖެހުނީހެވެ. އަޅުގަނޑަކީ ފިރިހެން ކުއްޖެއް ކަމުން އަޅުގަނޑަށް އެކަން ހުއްޓުވެން ޖެހޭނެއެވެ. ނަމަވެސް އަޅުގަނޑަށް އެކަން ނުކުރެވުނީ ބޮޑުބޭބެ ބިރު ދެއްކުމުންނެވެ. ބޮޑުބޭބެ އެދުވަހު އަޅުގަނޑުގެ މައިންބަފައިން ކައިރީ ބުނާނެ ކަމަށް ބުނުމުން އަޅުގަނޑު ވާނީ އެމީހުންގެ ކުރިމަތީގައި ގޯސް ދަރިއެއްގެ ގޮތުގައެވެ. އަޅުގަނޑަކީ އެދެމީހުންގެ ދަރިއެއް ކަމަށް ނުވެސް ދެކޭނެއެވެ. އަޅުގަނޑު ވިސްނާ ދެރަވެގެން އަމިއްލައަށް މަރުވާން ގަސްތުކުރީމެވެ. އަޅުގަނޑަށް މާފު ކުރާށެވެ. ނަމަވެސް ހަގީގަތަކީ މިއީ އެވެ.

ބޮޑުބޭބެ ވަޒީފާ އަދާކުރުމަށް ދިއުމުން އަޅުގަނޑަށް ހަމަ ޖެހިލައިގެން ދުވަސް ކޮޅަކު ހުރެވުނެވެ. ނަމަވެސް އަޅުގަނޑު އަނެއްކާވެސް މިވަނީ ބޮޑު ބިރެއްގެ ތެރޭގައެވެ. އަޅުގަނޑުގެ ބޮޑުބޭބެ އަނބުރާ އައުމުންނެވެ. އަޅުގަނޑަށް ޓަކައި ހެޔޮދުއާ ކޮށްދޭށެވެ.

މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑާ މުޖްތަމައުގައި ހިނގާފައިވާ ހިތާމަވެރި ހާދިސާއެކެެވެ. މިފަދަ ވާހަކަތައް ހިއްސާ ކުރުމުގެ ބޭނުމަކީ މުޖުތަމައުގައި މިފަދަ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!