ޚަބަރު

ވޭމަންޑޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އާ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ވޭމަންޑޫ ގައި މިމަހުގެ 24 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެރަށުގައި އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

ފެނަކައިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް، އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ފަސްކުރުމެއް ނެތި އެކުންފުނިން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

"ކުރިޔަށް އޮތް ތަނުގައި މިފަދަ ހާދިސާއެއް މެދުވެރިވިޔަ ނުދިނުމަށް، އަދި ދިމާވާ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކޮށް، އާ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް، ފަސްކުރުމެއް ނެތި މިކުންފުނިން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން މިފުރުސަތުގައި ވޭމަންޑޫގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން" ފެނަކައިން ބުނެފައިވެއެވެ.

މިދިޔަ ބުދަ ދުވަހު ވޭމަންޑު އިންޖީނުގޭގައި ހިނގި މި އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އިންޖީނުތަކާއެކު، އިންޖީނުގެ ވަނީ އަނދައި ހުލިވެފައެވެ. އަދި އެވަގުތުން ފެށިގެން އޭގެ އަނެއް ދުވަހުގެ މެންދަމާ ހަމައަށް އެރަށުން ކަރަންޓު ވަނީ ކެނޑިފައެވެ. ރަށަށް އަލުން ކަރަންޓު ފޯރުކޮށް ދިނުމަށް ފެނަކައިގެ މުވައްޒަފުން ވަނި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. އެ މަސައްކަތުގައި އެމްޑީ މުޙައްމަދު ސައީދު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!