ރިޕޯޓް

ޖުމްހޫރީ ޕާޓީގެ ވަޒީރުން މަޑުމަޑުން ބޭރަށް ، ޓްރާންސްޕޯޓް މިނިސްޓަރާއެކު އެކަނި ކޯލިޝަން ފުދޭ

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގެ ދަށުން 2018 ވަނަ އަހަރު ދިވެހީން ބަލައިގަތް ކޯލިޝަންގެ ސަރުކާރަށް މިއަދު މިއީ ތާރީޚީ ދުވަހެކެވެ. ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީއާއި ޝައިޚް އިމްރާން ޢަބުދުﷲގެ އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ސިޔާސީ ހަރަކާތް ، މައި ޕާޓީ އެމްޑީޕީއާ ގުޅި އުފެއްދި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމާ މަޤާމުން ، މިއަދު އެއް ފަރާތް ކޮށްލީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނެވެ.

ރައީސް ސޯލިޙްގެ ވެރިކަން ދެބައި ވާން ދާންއިރު މަލީހަކީ މަގާމުން ދުރުވާން ޖެހުނު 05 ވަނަ ވަޒީރެވެ. ކެބިނެޓުން ފުރަތަމަ ވަކިވެވަޑައިގެންނެވީ ރައީސް މައުމޫންގެ އެމްއާރުއެމްއަށް ނިސްބަތްވާ ހައުސިން މިނިސްޓަރ އާތިފާ ޝުކޫރެވެ. އާލާސްކަންފުޅު ހުރިގޮތުން މަގާމުން އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީގެ މަސައްކަތް ވަނީ އިންފްރާންސްޓްރަކްޗަރ މިނިސްޓްރީގެ މަސައްކަތާ އެއްކޮށްލުމަށް ފަހު މިނިސްޓަރ އަސްލަމްގެ ޒިންމާ ބޮޑު ކުރައްވާފައެވެ. އޭގެ ފަހުން ޝިދާތާ ޝަރީފާއި ހެލްތު މިނިސްޓަރ އަމީން އިސްތިޢުފާ ދެއްވީ އެބޭފުޅުންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން ތައްޔާރު ވަމުން ދިޔަ ދަނޑިވަޅެއްގައެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއް ތުހުމަތު ކުރެވުމާއި ގުޅިގެން މަގާމުން ރައީސް ސޯލިޙް ، އެމަނިކުފާނު މަގާމުން ވަކި ކުރެއްވީ އިސްތިއުފާ ދެއްވުމަށް އެންގެވި އެންގެވުމަށް ތަބާ ނުވުމުންނެވެ.

އޭގެ ފަހުން މިއަދު ތާރީޚީ ދުވަހަކަށް ވެގެން މިދިޔައީ މިނިސްޓަރ މަލީހު ، މަޖިލީހުން ވަކިކުރުމުންނެވެ. މިއީ މި ސަރުކާރުގައި އިތުބާރު ނެތް ކަމަށް ނިންމާ މަޖިލީހުން ވަކިކުރި ފުރަތަމަ ވަޒީރެވެ.

އިންޓަނެޓް އަގުހެޔޮ ކުރުމުގެ ވައުދަށް ޙައްލެއް ނުހޯދޭ ކަމަށާއި އެކަމަށް ޓަކައި ހަދަން ޖެހޭ ޤަވާޢިދެއް ވެސް ހެދިފައި ނުވާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވަނީ މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެ ކުރީން ރައީސް ސޯލިހަށް ހުށަހަޅާފައެވެ. ނަމަވެސް އެ މަގުން އެކަމަށް ހައްލެއް ނުހޯދުމުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމެވީ މަޖިލީހުން މަލީޙް ވަކި ކުރާށެވެ.

ޖަވާބުދާރީވާން މިއަދު ލިބުނު ފުރުސަތުގައި މަލީޙް ފާހަގަ ކުރެއްވީ އެމްޑީޕީގެ މެމްބަރުން އިޝާރާތް ކުރައްވާފައިވާ ގަވާއިދު ވެސް ވަނީ ހަދާފައި ކަމަށާއި ޖެހިފައިވާ މައްސަލައަކީ ވީޓީވީ ޕްރޮގްރާމެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުން ޖެހިފައިވާ މައްސަލައެއް ކަމަށެވެ. އަދި މަގާމު ދިފާއު ކުރައްވަން މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް މަސައްކަތް ކުރައްވަނީ ޚިޔާލުފާޅު ކުރުމުގެ ހައްގު ދިފާއު ކުރައްވަން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް މަލީހާ ދެކޮޅަށް ވާހަކަ ދެއްކެވިއިރު އެމަނިކުފާނު ނިސްބަތްވާ ޖުމްހޫރީޕާޓީން ވެސް އެމަނިކުފާނަށް މާބޮޑު އެހީތެރިކަން ލިބިގެނެއް ނުދެއެވެ. ލީޑަރު ގާސިމް އިބްރާހީމް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް މަޖިލީހަށް ވަޑައިނުގަންނަވާއިރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ. ވަޒީރު މަލީހަށް އިތުބާރު އޮތް ކަމަށް ވޯޓް ދެއްވީ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ މިއަދުގެ ވޯޓްގައި ބައިވެރިވެފައެއް ނުވެއެވެ.

މަލީޙް މަގާމުން ދުރުވުމާއެކު ކެނބިނެޓަށް އަލަށް ވަޑައިގެންނެވި ޖުމްހޫރީ ޕާޓީ ބޭފުޅުންގެ ތެރެއިން މިހާރު މަގާމުގައި ދެމި ހުންނެވީ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ. އަނބިކަމަނާގެ ހައިސިއްޔަތުން ވެސް މަގާމުގައި ދެމިހުންނެވުމަށް މަގާމުގައި ދެމި ހުންނެވުމުގެ ފުރުސަތު ބޮޑު ނަމަވެސް އެކަމަނާ މަގާމުގައި ހުންނެވީ އެގޮތަށް ކަމަށް ގާސިމް ގަބޫލުފުޅެއް ނުކުރައްވައެވެ.

ޖުމްހޫރީ ޕާޓީގެ ވަޒީރުންގެ ތެރެއިން ފަހަރަކު މީހަކު ބޭރު ކުރަމުން ދާއިރު މިހާރު އުފެދޭ ސުވާލަކީ މަލީޙްގެ ބަދަލަށް އަންނާނޭ ބޭފުޅަކާ މެދު ކުރެވޭ ސުވާލެވެ. ޖުމްހޫރީ ޕާޓީން މީގެ ކުރީން ހުސްވި ދެ ސްލޮޮޓްގެ ތެރެއިން އެ ޕާޓީއަށް ލިބުނީ ހަމައެކަނި ޓުއަރިޒަމް މިނިސްޓްރީ ކަމަށް ވުމާއެކު މަލީޙްގެ ބަދަލުގައި އެ ޕާޓީގެ ބޭފުޅަކަށް ފުރުސަތު ލިބުން ދުރުކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އައިޝަތު ނަހުލާއާއެކު އެކަނި ވެސް ކޯލިޝަން ފުދޭ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!