ބާރަށަށް އަރައިފޭބުން މަނާކޮށްފި

ހއ ބާރަށުން ނުވަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.
ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށަށް އަރައި ފޭބުން މަނާ ކުރީ އެޗްޕީއޭއިން އެންގުމާ ގުޅިގެން ކަމަށެވެ. އަދި އެރަށަށް އަރައި ފޭބުން މަނާ ކޮށްފައިވާއިރު ޖުމުލަ ގާތްގަނޑަކަށް 18 ވަރަކަށް ގެއެއް މިހާރު ކަރަންޓީނުގައި ހުރި ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
މިރަށުން މިއަދު ފައްސިވެފައިވާ ނުވަ މީހުންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހުންނަށް ވާއިރު އޭގެ ތެރޭގައި 70 އަހަރުން މަތީގެ ހައި ރިސްކުގެ މީހަކު ވެސް ހިމެނެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސް ވަމުން އަންނަ އިރު، އިއްޔެ އެކަނި ވެސް ރާއްޖެއިން 196 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސި ވެފައެވެ. އެއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 19،793 އަށް އަރައިފައެވެ.